ކުރީގެ އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުރީގެ އޭޖީ ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ 14:30 ގައި ކަމަށެވެ.
ބަލަމުންދާ މައްސަލަތަކާއި ގުޅިގެން އޮކްޓޯބަރު 13 ވަނަ ދުވަހު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އޭސީސީ އަށް ހާޒިރުކޮށްފަ އެވެ. އަދި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އޭސީސީ އަށް ހާޒިރު ކުރަމުންދާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރައީސް ސާލިޙް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްވެރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ، މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ގޮތުގައި ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.
އޭސީސީ ކުރީގެ މިނިސްޓަރުން ހާޒިރު ކުރަމުންދާއިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ އަޑު އުފުލާފައެވެ.