އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި "ލޫޓުވައިފި" ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ހދ. ކުޅުދުއްފުއްޓާއި ގއ. ދާންދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
ހުކުރު ދުވަހުގެރޭ ބޭއްވުނު މި ހަރަކާތްތަކުގައި އެ ދެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެމްޑީޕީގެ ބައެއް އިސް ފަރާތްތައް ބައިވެރިވިއެވެ. ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތުގައި، އެ ސިޓީގެ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް މިނިވަން ކުރުމަށް ގޮވާލައި ގިނަ ބައެއްގެ ޝުއޫރު ފާޅުކުރިއެވެ.
ހަމައެހެންމެ ދާންދޫގައި ބޭއްވުނު ހަރަކާތުގައި، އެ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ މިނިވަންކުރުމަށް ގޮވާލައި ރައްޔިތުން އަޑުއުފުލިއެވެ. އަދި ޖުމްލަގޮތެއްގައި ސުލަހްވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރުމުން މި ސަރުކާރުން ޖަލުގައި ބަންދުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލުމަށް މި ހަރަކާތުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރަމުންދާ ކަންތައްތައް ފާހަގަކޮށް އަޑުއުފުލާފައެވެ.
ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ބުދަ ދުވަހުގެރޭ މާލޭގައި ފެށި ހާއްސާ ހަރަކާތާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކުރެވުނު 6 މީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ސިޔާސީ ބޭނުމަކަށެވެ. އަދި މި ހަރަކާތަކީ އެ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި ހިންގޭ ހާއްސަ ހަރަކާތެއް ކަމަށާއި، މާލޭގެ އިތުރުން އެ ފަރާތްތައް ނިސްބަތްވާ ރަށްރަށުގައިވެސް މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަރަކާތުގެ ތެރެއިން، ދަނޑިކޮށި ހަރުގޭ ބޭރުގައި ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ 6 ބައިވެރިންގެ ފޮޓޯ ހިމެނޭ ބޮޑު ޕޯސްޓަރެއް ހަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން ވަނީ މި 6 މީހުންގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ޔައުގޫބް އަބްދުﷲ، ޔާސިރު އަބްދުއްލަތީފް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.
ބަންދުކުރެވުނު ފަރާތްތަކުގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލާފައިވާކަން އެނގިފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ކުރީގެ މެންބަރު ޔާސިރު ބިޑިއަޅުވައިގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ.
އެމްޑިޕީ އިން އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު އެއްވުމަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރުން މިނިވަން މުއައްސަސާތައް ބޭނުން ކުރައްވައިގެން ސިޔާސީ ތަހުގީގުތަކެއް އެމްޑީޕީގެ އިސްފަރާތްތަކާ ދެކޮޅަށް ފަށާފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންވެސް ބުނެފައިވެއެވެ.