Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 12:03
އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދީފައިވާ ސަރަހައްދެއްގައި ފަލަސްޠީނުގެ ރައްޔިތުން
އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދީފައިވާ ސަރަހައްދެއްގައި ފަލަސްޠީނުގެ ރައްޔިތުން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލް އާއި ހަމާސް އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރަނީ
އެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންނާއި، އިސްރާއީލް އިން ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމާ އެކު، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭ މިންވަރު ވެސް އިތުރު ކުރެވޭނެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބުވެ، އިސްރާއީލް އާއި ހަމާސް އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރަން ނިންމައިފި އެވެ.

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ އާއި، ލާއިންސާނީ ޖަރީމާތަކަށް ދެ އަހަރުވެފައިވާއިރު، ހަނގުރާމަ ނިންމުމަށް ކުރި މަޝްވަރާތަކުގައި ދެބައި މީހުން ވެސް ވަނީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންނާއި، އިސްރާއީލް އިން ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމާ އެކު، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭ މިންވަރު ވެސް އިތުރު ކުރެވޭނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭންގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިޞްރުގަ އެވެ. އެ މަޝްވަރާތަކުގައި ޤަތަރާއި ތުރުކީ އިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އޭއެފްޕީ އަށް މައުލޫމާތު ދެމުން ހަމާސްގެ އިސްވެރިޔަކު ބުނެފައި ވަނީ، އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ދިރި ތިބި 20 މީހުން ހަވާލު ކުރެވޭނެ ކަމަށެވެ. އަދި އިސްރާއީލް އިން ބަންދުކޮށްފައިވާ ފަލަސްޠީނުގެ 2000 އަށް ވުރެ ގިނަ ރައްޔިތުން ވެސް މިނިވަން ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ރަހީނު ކޮށްފައިވާ މީހުންނާއި، ބަންދު ކޮށްފައިވާ މީހުން ދޫކޮށްލުމުގެ ކަންކަން ހިނގާނީ އެއްބަސްވުން ތަންފީޒު ކުރަން ފެށާތާ 72 ގަޑިއިރުގެ ތެރޭގަ އެވެ.

އިސްރާއީލް އާއި ހަމާސް އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޣައްޒާގެ ރައްޔިތެއް ކަމަށްވާ ސާމަރު ޖޫދާ ބުނެފައި ވަނީ، އެއީ އުފާވެރި ޚަބަރެއް ކަމަށާއި، އެ ޚަބަރު ލިބުމާ އެކު އުފަލުން ގޮސް ކަރުނަތައް ހިފަހައްޓަން ވެސް އުނދަގޫވި ކަމަށެވެ.

އޭނާ ބުނީ ދެ އަހަރު ދުވަސް ވަންދެން ބޮންތަކާއި، ގޮވުންތަކާއި، ބިރުވެރިކަމާއި، ހަލާކުވުމާއި، ގެއްލުމާއި، ނިކަމެތިކަމާއި އަދި ކޮންމެ ވަގުތެއްގައި ވެސް މަރު ވެދާނެ ކަމުގެ އިޙުސާސްތައް ތަހަންމަލު ކުރަން ޖެހުނު ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޤަތަރުން ބުނެފައި ވަނީ މިއީ ޣައްޒާ ހަނގުރާމައިގެ ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކަމަށާއި، އޭގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އައިސް، އިސްރާއީލް އަދި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރެވި، އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ވަރަށް އަވަހަށް ބަންދުގައި ތިބި އިސްރާއީލްގެ ރައްޔިތުން އަމިއްލަ ޤައުމަށް ގެނެވޭނެ ކަމަށެވެ. އިސްރާއީލްގެ ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަން ވެސް ނަތަންޔާހޫ ވަނީ ނިންމައިފަ އެވެ.

އިސްރާއީލްގެ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް 67،183 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

މަސްދަރު: އަލ އަރަބިއްޔާ
- ކޮމެންޓް