އިނގިރޭސިވިލާތާއި އިންޑިއާއާ ދެެމެދު ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އިންޑިއާ އަށް ވަޑައިގެންފި އެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު، ދެ ޤައުމުގެ ދެ މެދުގައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޓެކްސްޓައިލްސް، ވިސްކީ އަދި ކާރު ފަދަ އުފެއްދުންތަކުގެ ޓެރިފް ކުޑަކޮށް، ވިޔަފާރީތަކަށް މާކެޓަށް ވަނުމުގެ ފުރުސަތު ފަހި ކޮށްދޭނެ އެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ސްޓާމާ ވިދާޅުވެފައި ވަނީ، އެއީ ހަމައެކަނި ކަރުދާހުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ކުރި އެރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް އިންޑިއާ އަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިޤްތިސާދަށް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން 2040 ވަނަ އަހަރާ ހަމައަށް ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރި 25.5 ބިލިއަން ޕައުންޑަށް އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި އެއީ އެންމެ ދަށް މިންވަރެވެ.
މީގެ އިތުރުން ބްރިޓިޝް އެއާވޭސް އިން ވަނީ 2026 ވަނަ ވަނަ އަހަރު ލަންޑަންގެ ހީތުރޯ އެއާޕޯޓުން އިންޑިއާގެ ވެރި ރަށް ދިއްލީ އަށް ކުރާ ދަތުރުތައް އިތުރު ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އަދި މެންޗެސްޓަރ އެއާޕޯޓުން ވެސް ވަނީ އިންޑިގޯ މެދުވެރިކޮށް ދިއްލީ އަށް ދަތުރުތައް ފެށުމަށް ނިންމައިފަ އެވެ.
މި އެއްބަސްވުމުގެ ދަށުނ ވިސްކީ ޓެރިފް 150 އިންސައްތަ އިން 75 އިންސައްތަ އަށް ދަށް ކުރެވި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 40 އިންސައްތަ އަށް ވެސް ދަށް ކުރެވޭނެ އެވެ. މިކަމަކީ ޑައިޖިއޯ އަދި ސްކޮޓްލެންޑް ވިސްކީ އެސޯސިއޭޝަން ފަދަ ފަރާތްތަކުން ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކަމެކެވެ.
އިންޑިއާ އަށް ސްޓާމާ ކުރައްވާ ދަތުރުފުޅުގައި، ބޮޑު ވަޒީރު މޯދީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މިއީ އިނގިރޭސިލާތުގެ ބޮޑު ވަޒީރު ކަމަށް ސްޓާމާ ވަޑައިގެންނެވި ފަހުން، އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.