އަލްބޭނިއާ ގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް މައްސަލަ ރައްދުވާ ފަރާތުން ބަޑިޖަހައި ފަނޑިޔާރަކު މަރާލައިފި އެވެ.
ހޯމަ ދުވަހު މި ހާދިސާ ހިނގީ އަލްބޭނިއާގެ ވެރިރަށް ޓިރާނާގެ އިސްތިއުނާފު ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތެއްގެ ތެރޭގައެވެ.
އޮފިޝަލުން ބުނާ ގޮތުގައި ފަނޑިޔާރު މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދަނިކޮށެވެ. މުދަލުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގެ އަޑުއެހުމުގައި ބައިވެރިވި އިތުރު ދެ މީހެއްގެ ގަޔަށް (ބައްޕައަކާއި ދަރިއަކަށް) ބަޑި ޖެހި ނަމަވެސް، އެ ދެމީހުންގެ ޙާލަތު ނުރައްކާ ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ބުނާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ އާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެޑި ރާމާ ފަނޑިޔާރު ކަލާޖާގެ ޢާއިލާ އަށް ތަޢުޒިޔާ ވިދާޅުވެ، "ފަނޑިޔާރަށް ޙަމަލާދިން ފަރާތަށް އެންމެ ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށް" ވިދާޅުވިއެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފަނޑިޔާރު ކަލާޖާ މަރާލި މީހާ ބަޑި ޖެހީ މައްސަލަ އޭނާގެ ކޮޅަށް ނުނިމޭނެ ކަމަށް ލަފާކުރެވުމުގެ ސަބަބުންނެވެ.
ކޯޓު ރޫމްގައި ފަނޑިޔާރުންގެ ގަޔަށް ބަޑި ޖެހުމުގެ ހާދިސާ އަކީ ވަރަށް މަދުން ނަމަވެސް މީގެ ކުރިން ވެސް ހިނގާފައިވާ ހާދިސާތަކެވެ. މީގެ 10 އަހަރު ކުރި ކުރިން، މިލާނުގެ ޕެލަސް އޮފް ޖަސްޓިސްގައި ބަނގުރޫޓުވުމުގެ މައްސަލައެއްގެ ޝަރީޢަތުގައި ހުރި މީހަކު ފަނޑިޔާރެއްގެ ގަޔަށް ބަޑިޖަހައި މަރާލިއެވެ.
ބަޑިޖެހި މީހާ ވަކީލަކާއި ދަޢުވާލިބޭ އިތުރު މީހަކު ވެސް މަރާލުމަށްފަހު ފިލައިގެން ދިޔަ ނަމަވެސް، ފަހުން ހައްޔަރު ކުރެވުނެވެ.
ފަނޑިޔާރު ކަލާޖާ އަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ގާނޫނީ ވަކީލުކަން ކުރި ފަރާތެކެވެ. އޭނާ ފުރަތަމަ މަސައްކަތްކުރީ ޑިސްޓްރިކްޓް ކޯޓެއްގައެވެ. އޭގެ ފަހުން 2019 ގައި ޓިރާނާގެ އިސްތިއުނާފު ކޯޓަށް ޢައްޔަން ކުރެވުނެވެ.
ސަރަޙައްދީ މޮނިޓަރިންގ ރިޕޯޓެއްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި، ބޯލްކަން ޤައުމުތަކުގެ ތެރެއިން އާންމު ހަމަނުޖެހުންތަކާ ގުޅިގެން ހިނގި ހަތިޔާރުގެ ހާދިސާތައް އެންމެ ގިނައިން ރިޕޯޓު ކުރެވިފައި ވަނީ އަލްބޭނިއާ ގައެވެ.