އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ގޮވާ އަލްބޭނީއާގެ މަގުތަކުގައި އެގަމުގެ ޑިމޮކްރެޓް ޕާޓީ އިސްނަގައިގެން ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ހޯމަ ދުވަހު ފެށި މި މުޒާހަރާގައި، އަލްބޭނިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބުގެ ކުރިން މިހާރުގެ ސަރުކާރު ވައްޓާލައި، ޓެކްނޮކްރެޓިކް ވަގުތީ ސަރުކާރެއް އުފެއްދުމަށް ގޮވާލައިވާލައިފައެވެ.
2013 ވަނަ އަހަރުވެސް ސަރުކާރު ވައްޓާލުމަށް މިފަދަ މުޒާހަރާއެއް ކުރި ޑިމޮކްރެޓްސް ޕާޓީ އިން ވަނީ ކުރީގެ ބޮޑުވަޒީރު ސާލީ ބެރީޝާ ގޭ ބަންދުން ދޫކޮށްލުމުގެ އިތުރުން ސިޔާސީ އަދި އިޤްތިޞާދީ އިޞްލާޙުތަކަށް ވެސް ގޮވާލާފައެވެ.
މުޒާހަރާ ކުރާ މީހުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ޖަހާފައެވެ.
މުޒާހަރާ އާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، ސަރުކާރުގެ މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެތައް ސަތޭކަ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން، ގިނަ މަގުތަކެއްގައި ދަތުރުފަތުރުކުރުން ވަގުތީގޮތުން މަނާކުރެވުނު ކަމަށެވެ.
ފުލުހުންގެ އިތުރަށް ބުނެފައިވަނީ، މޮލޮޓޯވް ކޮކްޓެއިލް، ޕައިރޯޓެކްނިކް އަދި އެހެނިހެން ނުރައްކާތެރި ހަތިޔާރުތައް ބޭނުންކުރުމުގެ ސަބަބުން 10 ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މަދު ބަޔަކު ފަރުވާ ހޯދުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޑިމޮކްރެޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ފްލަމުރް ނޯކާ، މުޒާހަރާ ނިންމާލެއްވީ ހަމަނުޖެހުން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެމުންނެވެ.
ކުރީގެ ބޮޑުވަޒީރު ސާލީ ބެރީޝާގެ ޑިމޮކްރެޓިކް ޕާޓީން ވޭތުވެދިޔަ ހަފުތާގައި ވެސް ވަނީ އެ ޕާޓީގެ މެންބަރެއް ކަމުގައިވާ އަރވިން ސަލިއަންޖީ ޖަލަށް ލުމާ ގުޅިގެން މަޖިލީހުގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕާޓީން ދެކޭ ގޮތުގައި އޭނާ ޖަލަށް ލާފައިވަނީ ސިޔާސީ މަޤްސަދެއް ހާސިލްކުރުމުގެ ގޮތުންނެވެ. އަރވިން ސަލިއަންޖީ ވަނީ މި ޙުކުމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އަލްބޭނިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބޮޑުވަޒީރު އެޑީ ރާމާގެ ސޯޝަލިސްޓް ޕާޓީއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވުމުގެ އިތުރުން، އިންތިޚާބުތަކުގައި މަކަރު ހެދުމާއި، ޝަރުޢީ ދާއިރާގެ ބާރުތައް ނިގުޅައިގަތުމުގެ ތުހުމަތުތަކެއްވެސް ކޮށްފައެވެ.