އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާއިރު، އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު އެއްގަޑި އިރަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.
ފެނަކަ އައްޑޫ އޮފީހުގެ ވައިބަރ ގުރޫޕުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބުނެފައިވަނީ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑް މަތިވާ ގަޑިތަކުގައި ލޯޑް މެނޭޖް ކުރުމަށްޓަކައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަންޖެހިދާނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާ ކަމަށެއެވެ.
އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި، ހޮނިހިރު ދުވަހުގެ އިތުރުން އާދިއްތަ ދުވަހުގެ އެކި ވަގުތުތަކުގައި، އެކި ސަރަހައްދުތަކުން ވަނީ އެއް ގަޑި އިރަށް ކަރަންޓް ކަނޑާފައެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީ އިން ފެނަކަ އައްޑޫ ބްރާންޗްގެ ޑިރެކްޓަރ ނައީމް އަށް ގުޅުމުން ވިދާޅުވެފައިވަނީ މިގޮތަށް ދެން ކަރަންޓްގެ ޙިދުމަތް މެދު ކެނޑިދާނެ ކަމަށާއި އެހެން ދިމާވާ ޓެކްނިކަލް މައްސަލަތައްވެސް ހުންނާނެ ކަމަށެއެވެ. އަދި މިގޮތަށް ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްވަމުން ދިއުމާއި، ފާއިތުވި ހަފްތާއިން ފެށިގެން ކަރަންޓް ކެނޑެން ދިމާވީ ކީއްވެތޯ ސުވާލުކުރުމުން، އެކަށީގެންވާ ޖަވާބެއް ނުދީ ފޯނު ބޭއްވި އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ އިރު މި މައްސަލަ އަށް ހައްލެއް ވަނީ ހޯދާނުދެވިފައެވެ. މި ސަރުކާރުން މީގެ ކުރިން ބުނީ މި އަހަރު ރޯދަ އަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މި އަދާއި ހަމައަށް ވެސް އެކަން ކުރެވިފަ އެއް ނުވެއެވެ.