Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 17:33
ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ
ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ
ސޯޝަލް މީޑިއާ
އެމްޑީޕީ
"ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާ: ހައްޔަރު ކުރި ދެ މީހުން ދޫކޮށްލާ، 7 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުން ހަރަކާތްތެރިވީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއް އާއްމުން ދަނީ ބުނަމުން
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހިމެނޭ
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ރަޔަޓް ގިޔަރާއި ޕެޕަ ސްޕްރޭ އަދި ސޮނިކް ވެޕަން ބޭނުންކޮށްފަ

އެމްޑީޕީން ރޭ ބޭއްވި " ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން އެފަދައިން ނިންމާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ބޮޑު މުޒާހަރާ އިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމާއި މެދު ގޮތެއް ނިންމަން ގެންގޮސްފައި ވަނީ 8 މީހުންނެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ، ހަސަން ޝާކިރު ހިމެނެއެވެ.

ބަންދުގެ މުއްދަތު އިތުރު ނުކޮށް މުހައްމަދު ޚަލަފު އިބްރާހިމް މީގެ ކުރިން ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، އަދި ހުއްދަ ނުހޯދާ މާލެއިން ބޭރަށް ނުދެވޭ ގޮތަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވަނީ ދޫކޮށްލާފައެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ޝުއޫރު ފާޅުކޮށްފައެވެ. މަޖީދީ މަގުން ހިނގާފައި ދާން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން، ބާރުގެ ބޭނުންކޮށް ރަޔަޓު ގިޔަރުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ޕެޕަ ސްޕްރޭ ޖެހުމުގެ އިތުރުން ސޮނިކް ވެޕަން ބޭނުންކުރި އެވެ. މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއް އާއްމުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް