އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި އެވެ.
ހޮނިހިރު ދުވަހު އެކަން ހާމަ ކޮށްފައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނެވެ. އެ އޮފީހުން ބުނެފައި ވަނީ އިސްރާއީލްގެ ބަންދުގައި ތިބި މީހުން މިނިވަން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ވަގުތުން ތަންފީޒު ކުރުމަށް އިސްރާއީލްގެ ސަރުކާރުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ޤަބޫލުކޮށް، ސުލްޙަވެރި މަޝްވަރާ ތަކަށް ތައްޔާރުވެފައިވާ ކަމަށް ހަމާސް އިން ބުނުމާ ގުޅިގެން، އިސްރާއީލް އިން ވަނީ އެ މަސައްކަތް ފެށުމަށް ތައްޔާރަށް އޮތް ކަމަށް ހާމަ ކޮށްފަ އެވެ. އަދި އިސްރާއީލްގެ ބަންދުގައި ތިބި މީހުން މިނިވަން ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތް ފެށުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އޭނާގެ ޓީމާ އެކު ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށެވެ. ހަމަ އެހެންމެ، ޓްރަމްޕްގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ޣައްޒާ ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރާނެ ކަަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޓްރަމްޕްގެ ޕްލޭން ބަލައި ގަންނަން ހަމާސް އިން ނިންމާފައިވާ މި ދަނޑިވަޅުގައި، އިސްރާއީލްގެ މީޑިއާ ތަކުން ބުނާ ގޮތުގައި، ޣައްޒާއި ކުރިއަށް ގެންދާ ހަނގުރާމައިގެ އަމަލުތައް މަދު ކުރުމަށް، އިސްރާއީލްގެ ސިޔާސީ ވެރިން ވަނީ އެ ޤައުމުގެ ސިފައިން އަށް އަންގައިފަ އެވެ. އެހެންކަމުން މިކަމަކީ ހަމާސް އާއި އިސްރާއީއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ އުންމީދީ ނަތީޖާއެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އިސްރާއީލްގެ ހަމަލާ ތަކުގައި ޣައްޒާ އިން ވަނީ 66،000 އަށް ވުރެ ގިނަ ރައްތިޔުން ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މުޅި ޣައްޒާ އެއްކޮށް ވީރާނާވެފައިވާއިރު، ޣައްޒާގެ މުޅި ޞިއްޙީ ނިޒާމު ވަނީ ފުނޑު ފުނޑުވެފަ އެވެ. މީގެ އިތުރުން، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި، ކާބޯ ތަކެތި އެތެރެ ކުރުމަށް އިސްރާއީލް އިން ހުރަސް އަޅާފައިވާއިރު، ޣައްޒާ ސިޓީގައި ވަނީ ބަނޑުހައި ހޫނުކަން އިއުލާން ކޮށްފަ އެވެ.