އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އަށް ބޮން އެޅުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލް އަށް ގޮވާލައްވައިފި އެވެ.
ޓްރަމްޕް މިފަދައިން އަންގަވާފައި ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭން އަށް ހަމާސް އިން މަރުޙަބާ ކިޔާފައި ވަނިކޮށެވެ.
ޓްރަމްޕްގެ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމާސް އިން ދީފައިވާ ޖަވާބު ނުވަތަ ބަޔާނަށް ބަލާއިރު، އެ ޖަމާއަތުން ދެމެހެއްޓެނިވި ސުލްޙަވެރި ކަމަކަށް ތައްޔާރުވެފައިވާ ކަމަށް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން އަަވަހަށް މިނިވަން ކުރުމަށްޓަކައި، އިސްރާއީލް އިން ޣައްޒާ އަށް ބޮން އެޅުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިހާތަނަށް ގިނަ ވާހަކަ ތަކެއް ދައްކަވާފައިވާ ޓްރަމްޕްގެ ފަރާތުން ވަނީ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ސުލްޙައިގެ ޕްލޭނެއް ހުށަހަޅައިފަ އެވެ. އެ ޕްލޭން އަށް ހަމާސް ޖަމާއަތުން ޖަވާބުދީފައިވާއިރު، ޤަތަރު، މިޞްރު އަދި ފްރާންސް ފަދަ ޤައުމު ތަކުން ވަނީ އެ ކަމަށް މަރުޙަބާ ކިޔައިފަ އެވެ.
ހަމާސް ޖަމާއަތުގެ ބެލުމުގެ ދަަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން މިނިވަން ކުރުމަށް ވެސް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ދިރި ތިބި ރަހީނުންނާއި، މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ވެސް ދޫކޮށްލުމަށް ވަނީ އެއްބަސްވެފަ އެވެ. އެއާއެކު، ހަމާސް އިން ވަނީ ހުށަހެޅުމުގައި ހުރި ބައެއް އިތުރު ކަންކަން ތަފްސީލު ކޮށްދިނުމަށް ވެސް އެދިފަ އެވެ.
ޓްރަމްޕް ކުރެއްވި ވީޑިއާ މެސެޖެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ފަރާތަކާ މެދު އިންސާފުވެރިކޮށް ކަންތައް ކުރެވޭނެ ކަމަށެވެ. އަދި މިއީ މީގެ ކުރިން ދެކިފައި ނުވާ ދުވަހެއް ކަމަށާއި، އިންސާފުވެރިކަމާ އެކު ކަންކަން ކުރިއަށް ދާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ ކަަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އެކަމާ ގުޅޭ ގޮތުން އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތުން ދީފައިވާ ޖަވާބުން ހިތްވަރު ލިބިގަންނަ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ޣައްޒާ ހަނގުރާމަ ނިންމުމަށް މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރުމަށް ގޮވާލައްވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ވެސް ވަނީ އެކި ގޮތް ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެމެރިކާގެ ކޮންގްރެސް މެމްބަރު މާޖަރީ ޓެއިލާ ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި، މިހާރު ވެސް މާގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރާހަމް ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް ހަމާސް އިން ދީފައިވާ އަސްލު ޖަވާބަކީ، އެ ޕްލޭން ބަަލައި ނުގަތުން ކަމަށެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ޓްރަމްޕްގެ އެންމެ ބޮޑު އެއް ވައުދެވެ. މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެސް ޓްރަމްޕް ވަނީ އެކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، ޓްރަމްޕް އަކީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ފަރާތެކެވެ.