Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 10:04
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ދީފައިވާ ހަމަލާއެއްގެ މަންޒަރު
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ދީފައިވާ ހަމަލާއެއްގެ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޓްރަމްޕްގެ ޕްލޭނަށް މަރުޙަބާ ކިޔުމާ އެކު، ހަމާސް އިން އެދުނީ އިތުރު ތަފްސީލު ތަކަށް
ހަމާސް ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރްޒޫކް އަލް ޖަޒީރާ އަށް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ "އޮކިއުޕޭޝަން" ނިމުމުގެ ކުރިން ހަމާސް ޖަމާއަތުން ހުރިހާ ހަތިޔާރެއް ދޫކޮށްލާނެ ކަމަށް. އަދި ޣައްޒާގެ މުސްތަޤުބަލާ ގުޅޭ މައްސަލަތައް ހަމާސް ބައިވެރިވާ ފަލަސްޠީނުގެ ޤައުމީ އޮނިގަނޑުގެ ތެރެއިން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް، ހަމާސް ޖަމާއަތުން މަރުޙަބާ ކިޔައިފި އެވެ.

ހުކުރު ދުވަހު ހަމާސް ޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭނަށް އެ ޖަމާއަތުން ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެ ހުށަހެޅުމުގައި ހިމެނޭ ބައެއް ކަންކަން އިތުރަށް ސާފު ކޮށްދިނުމަށް ހަމާސް އިން ވަނީ އެދިފަ އެވެ.

ހަމާސްގެ ބަޔާނުގައި ބުނެފައި ވަނީ، އިސްރާއީލްގެ ހުރިހާ ރަހީނުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކާއި، ދިރިތިބި އެންމެން މިނިވަން ކުރުމަށް އެއްބަސްވާ ކަމަށާއި، މެދުވެރިންގެ އެހީތެރިކަމާ އެކު އެ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޖަމާއަތް އޮތީ ތައްޔާރަށް ކަމަށެެވެ.

ހަމަ އެހެންމެ، ޣައްޒާގެ ވެރިކަން މިނިވަން ބަޔަކާ ހަވާލު ކުރުމަށް ވެސް ހަމާސް އިން ވަނީ އެއްބަސްވެފަ އެވެ. އަދި ޢަރަބި އިސްލާމީ ބައިނަލްއަޤުވާމީ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ތާއީދު ކޮށްފައިވާ ޕްލޭންގައި ވަނީ ހަމާސް ޖަމާއަތުން ހުރިހާ ހަތިޔާރެއް ބަހައްޓަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ހަމާސްގެ ބަޔާނުގައި އެއްވެސް ވާހަކައެއް ބުނެފައި ނުވެ އެވެ.

ހަމާސް ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރްޒޫކް އަލް ޖަޒީރާ އަށް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ "އޮކިއުޕޭޝަން" ނިމުމުގެ ކުރިން ހަމާސް ޖަމާއަތުން ހުރިހާ ހަތިޔާރެއް ދޫކޮށްލާނެ ކަމަށެވެ. އަދި ޣައްޒާގެ މުސްތަޤުބަލާ ގުޅޭ މައްސަލަތައް ހަމާސް ބައިވެރިވާ ފަލަސްޠީނުގެ ޤައުމީ އޮނިގަނޑުގެ ތެރެއިން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ ޕްލޭނަށް ޢަރަބި އަދި އިސްލާމީ ޤައުމު ތަކުން ވެސް ތާއީދުކޮށް، މަރުޙަބާ ކިޔާފައިވާއިރު، ހުށަހެޅުމަށް ޖަވާބެއް ދިނުމަށް ޓްރަމްޕް ހަމާސް ޖަމާއަތަށް ދީފައި އޮތް ސުން ގަޑި އަކީ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ހަމާސް އިން ޖަވާބެއް ނުދީފި ނަމަ، ހުރިހާ ނުރައްކަލެއް ކުރިމަތި ވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް އޮތީ ދެއްވައިފި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަނިޔާވެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭން ހަމާސް އިން ޤަބޫލު ކުރުމަކީ ހެޔޮ ފާލެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މި ހަނގުރާމަ ނިންމުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް