Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 10:03
އެމްޑީޕީ އިން ހުކުރު ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
އެމްޑީޕީ އިން ހުކުރު ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ލޫޓޫވައި އެއްވުން
އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި
އެމްޑީޕީގެ މުޒާހަރާއިން 15 މީހުން ހައްޔަރު ކުރި
ފުލުހުން މުޒާހަރާ ކޮންޓްރޯލްކުރުމަށް ބޭނުންކުރި އެލްއާރުޑީއޭ އަކީ ހުއްދަ އޮތް އާލާތެއް ނޫން
އެމްޑީޕީން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ

އެމްޑީޕީގެ "ލޫޓުވައި ލޫޓުވައިފި" މުޒާހަރާގައި ފުލުހުންގެ ބަންދަށް ގެންދިޔަ 15 މީހުންގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން އިންކާރުކޮށްފިއެވެ.

މިކަމާއި ގުޅިގެން މާލޭގައި ހުރި ހުރިހާ ފުލުހުންގެ މަރުކަޒަކަށް ގޮސް އެންމެ ފަހު ތަނެއްގެ ގޮތުގައި އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ހުރެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ ބަންދުކޮށްފައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގޮސް އެދުމުން، އެތަނުގައި 8 މީހުން ތިބިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ދީފައިނުވާކަމަށެވެ. ހައްޔަރުކުރެވުނު މީހުންގެ މައުލޫމާތު ލިބިފައިވަނީ އާއިލާތަކުގެ ފަރާތުންނާއި، ވީޑިއޯ އަދި ފޮޓޯތަކުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

ހައްޔަރުކުރެވުނު ފަރާތްތަކަށް އަނިޔާވެފައިވޭތޯ އަދި ޑޮކްޓަރަށް ދައްކާފައިވޭތޯ ސުވާލުކުރުމުން ވެސް ފުލުހުން އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 15 މީހުންގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލިކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ބޭނުންކުރި އަޑުގަދަކުރާ ޑިވައިސް (އެލްއާރުޑީއޭ) އަކީ ފުލުހުން ބޭނުންކުރުމުގެ ހުއްދަ އޮތް އާލާތެއް ނޫންކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި މި ޑިވައިސްއަކީ އިޒްރޭލުގެ އުފެއްދުމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދުއްތުރާކުރުމަށް އިސްރޭލު ސިފައިން ބޭނުންކުރާ އާލާތެއްކަން ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އެފަ ޑިވައިސްއެއް ދިވެހި ރައްޔިތުންނާއި ދެކޮޅަށް ފުލުހުން ބޭނުން ކޮށްފައިވާތީ މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެއްވުން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން މުޒާހަރާ މޮނިޓަރ ނުކުރި މައްސަލަ ވެސް ކޮމިޝަނަށް ހުށަހަޅާނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ތެރެއިން އެއްވުމުގެ ބައިވެރިންނަށް އަނިޔާކުރި މައްސަލައާއި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

- ކޮމެންޓް