ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، 3 އޮކްޓޯބަރުގައި ނުކުންނަން ޖެހެނީ މި ސަބަބާއި ހުރެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އާދިއްތަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މިއަދު މި ފެންނަނީ ބަޖެޓު ހުސްވެގެން ދިޔައިރު އެއްވެސް ކަމެއް ނުވި ތަން ކަމަށާާއި، ކަރަންޓު ބިލާއި ފެން ބިލު އިންތިހާއަށް ބޮޑުވެއްޖެ ކަމަށެވެ. އަދި ކާބޯތަކެތީގެ އަގުތައް އަރައިގެން ގޮސް، މަހު މެދަށް ނުވަނީސް ގިނަ ރައްޔިތުންގެ މުސާރަ ހުސްވަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ޑޮލަރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން، މިއަދު މާރުކޭޓުގައި 15 ރުފިޔާގެ އަގުގައި ހުންނަންޖެހޭ ޑޮލަރު 20 ރުފިޔާއަށްވުރެ މަތިން ވިއްކަމުންދާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން 100 ރުފިޔާއަށް ލިބެމުންދިޔަ ތަކެތި މިހާރު 150 ރުފިޔާއަށް އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ އަޑު ނުއިއްވައިފި ކަމުގައިވާނަމަ ތިބޭފުޅުންނަށް ގެދޮރެއް ނުލިބޭނެ. ގެދޮރެއް ހަދަން ލޯނެއް ނުލިބޭނެ. ކާބޯތަކެތި ހޯދަން ފައިސާއެއް ނުލިބޭނެ. އެމް.ޑީ.ޕީން މި ޤައުމުގައި އުފެދިގެން އައީ އާދޭސްކުރުން ކަނޑުވާލަންވެގެން. މިއަދު މި އޮތް މީހުން ކައިރިން އާދޭސްކޮށްގެން ބޭސްކުރާކުރަން މި ޖެހެނީ. ކިޔަވަން މި ޖެހެނީ ފައިސާ ހޯދައިގެން. އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހި އެއްވެސް ރައްޔިތަކު އަނެއް ރައްޔިތަކު އާދޭސްކޮށްގެން ފައިސާ ހޯދައިގެން، ބޭސްފަރުވާކުރަންޖެހޭނެ ކަމަކަށެއް. ކިޔަވަންޖެހޭނެ ކަމަކަށެއް. އަދި އެހެން ކަމެއް ކުރަންޖެހޭނެ ކަމަށް. ގެދޮރު ހޯދަން އާދޭސް ކުރަންޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް![]()
ސަރުކާރުގެ ޚަރަދުތަކާއި ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ޚަރަދުކުރެވޭ ގޮތުގެ ތަފްޞީލު ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައްވަމުން، މިކަން ހާމަނުކުރާހާ ހިނދަކު މަގުމަތީގައި ތިބެގެން މަސައްކަތް ކުރާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
"ކޮންމެ ހަފްތާއަކު ވެސް ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތް ހާމަކޮށްދޭންޖެހޭނެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާ އަކީ ޤައުމުގެ ތަރައްޤީއަށް ޚަރަދުކުރެވޭ އެއްޗެއްކަން ޔަޤީން ވާންޖެހޭނެ،" އާޒިމް ވިދާޅުވިއެވެ.
3 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި އެމް.ޑީ.ޕީގެ މެންބަރުންނާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް މޭޔަރު އާޒިމް ގޮވާލެއްވިއެވެ.