ފަލަސްޠީނުގެ މައްސަލައިގައި ސައުދީ އަރަބިއްޔާގެ މަޤާމަކީ ވަރަށް ސާބިތު މަޤާމެއް ކަމަށާއި، އެ މައްސަލަ އަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ވަގުތު ޖެހިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުޙާން ވިދާޅުވެއްޖެ އެވެ.
އދ ގެ ޖެނަރަލް އެސެމްބްލީގެ 80 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ވަނީ، ބައިނަލްއަޤުވާމީ އަދި ޤާނޫނީ އޮނިގަނޑުން ބޭރުން ފަލަސްޠީނު މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ކުރުމަކީ އަނިޔާވެރިކަން ދެމިގެން ދިޔުމަށް މަގު ފަހިވާ ކަމެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
އިސްރާއީލްގެ އަނިޔާވެރިކަމާއި، ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ޚަރުދަނާ ފިޔަވަޅުތަކެއް ނޭޅުމަކީ، ސަރަޙައްދީ އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ނޭދެވޭ އަސަރުކޮށް، ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތާލުމުގެ އަމަލުތައް އިތުރުވުމަށް މަގު ފަހިވާނެ ކަމެއް ކަަމަށް ވެސް، ސައުދީގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ ވާހަކައިގައި ސައުދީގެ ފޮރިން މިނިސްޓަރު ވަނީ ރަތް ކަނޑާއި، އަދަން ބަނދަރު އަދި ކަނޑު ދަތުރު ފަތުރުގެ މިނިވަންކަން ރައްކާތެރި ކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. ހަމަ އެހެންމެ، ޓެރަރިޒަމާ ދެކޮޅަށް ޚަރުދަނާ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި އޮޓޮނޮމަސް ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކާތެރި ކަމަށް ވެސް ވަނީ އަލި އަޅުވާލައްވައިފަ އެވެ.
މީގެ އިތުރުން، ވިޝަން 2030 ގެ ދަށުން ސައުދީ އަރަބިއްޔާ އިން ޙާސިލު ކޮށްފައިވާ ކުރި އެރުންތަކުގެ ވާހަކަ ދައްކަވަމުން، ޒުވާނުންނާއި، އަންހެނުން ބާރުވެރި ކުރުވުމާއި، ހިތްހެޔޮ ކަމުގެ އަގުތައް ކުރިއެރުވުމާއި، ބައިނަލްއަޤުވާމީ ގުޅުންތައް ފުޅާ ކުރުމުގައި ލިބިފައިވާ ކާމިޔާބީތައް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލު ތަކުގެ އަސަރު ކުޑަ ކުރުމަށާއި، ގަސްގަހާ ގެހި ނެތިދިއުމާއި، ވިއްސާރަ ނުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ގްރީން ސައުދީ އިނީޝިއޭޓިވް އަދި މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވްގެ އިތުރުން، ރިޔާދުގައި ގްލޯބަލް ވޯޓާ އޯގަނައިޒޭޝަން ޤާއިމު ކުރުން ވެސް ހިމެނެ އެވެ.
މިއީ ދެމެހެއްޓެނިވި ތަރައްޤީ އާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ބައެކެވެ.