އދ ގެ ޖެނަރަލް އެސެމްބްލީގައި ސައުދީ އަރަބިއްޔާ އިން ބައިވެރިވުމަކީ ސުލްޙަވެެރިކަމާއި، އަމާންކަން، އަދި އިންސާފަށް ދެވިގެންދާ ވަރަށް ބޮޑު މެސެޖެއް ކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރުޙާން ވިދާޅުވެއްޖެ އެވެ.
އދ ގެ ޖެނަރަލް އެސެމްބްލީގެ ކުރިން ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ، ސައުދީ އަރަބިއްޔާ އިން އެންމެ އިސް އަހަންމިއްޔަތުކަން ދޭ ކަންތައް ތަކުގެ ތެރޭގައި ފަލަސްޠީނުގެ މައްސަލަ އަބަދު ވެސް ހިމެނޭ ކަމަށެވެ.
ސައުދީގެ ޕްރެސް އެޖެންސީ (އެސްޕީއޭ)އަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާ އަކީ އަބަދު ެވސް އަމާންކަމުގެ ބިންގާ އެޅުމުގައްޔާއި، ހުރިހާ ފެންވަރެއްގައި ވެސް އަމާންކަމާއި، ހައްލުތައް ހޯދުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ޤައުމެއް ކަމަށެވެ.
އަމީރު ފައިސަލް ވިދާޅުވެފައި ވަނީ، މެދު އިރުމަތީގެ އިތުރުން، މުޅި ދުނިޔޭގައި އިންސާފުވެރި އަދި އަމާންކަން ޤާއިމު ކުރުމަށް، ސައުދީ އަރަބިއްޔާ އަށް ކުރެވެހެން ހުރި ހުރިހާ މަސަައްކަތެއް މިހާތަނަށް ކޮށްފައި ވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ މަސައްކަތް ކުރުމުގައި ސައުދީ އަރަބިއްޔާ އިން ދެމި އޮތް ކަމުގައި ފާހަގަ ކުރެއްވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ހުރިހާ ފަރާތްތަކާ އެކު ވެސް ސައުދީ އަރަބިއްޔާ އިން ގެން ގުޅެމުން އަންނަ ހަމަހަމަ ގުޅުމާއި، ސިޔާސަތު ތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ މުޖުތަމައުގެ ތެރޭގައި އިތުބާރު ހުރި މެދުވެރިއެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ވެފައިވާ ކަމަށެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން ތަހަންމަލު ކުރަމުން އަންނަ ހިތްދަތި ކަމާއި ވޭން ނިމުމަކަށް ގެނައުމަށާއި، އެ ސަރަހައްދުގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ސައުދީ އަރަބިއްޔާ އިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބައިނަލްއަޤުވާމީ ހުރިހާ މައިދާނެއްގައި ވެސް، ފަލަސްޠީނުގެ މައްސަލަ އަކީ ސައުދީ އަރަބިއްޔާ އިން އެންމެ އިސްކަން ދެމުން އަންނަ މައްސަލަ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެކަމަށް ވަކާލާތު ކުރުމުގައި އެ ޤައުމު ދެމި އޮންނާނެ ކަމަށެވެ.
ހަމަ އެހެންމެ، ފަލަސްޠީނުގެ މައްސަލަ އަށް އިންސާފުވެރި ޙައްލެއް ހޯދުމަށް ސައުދީ އަރަބިއްޔާ އިން އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށް ނުލާނެ ކަމަށާއި، މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމާއެކު، ސަރަހައްދީ ފުރިހަމަ އަދި ދެމެހެއްޓެނިވި އަމާންކަމެއް ޤާއިމު ކުރެވޭނެ ކަމުގައި ވެސް އަމީރު ފައިސަލް ވަނީ ވިދާޅުވެފަ އެވެ.