މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ވ. ފެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް 18 ސެޕްޓެންބަރު 2025 ގައި އެމަނިކުފާނު ތަސްދީގު ކުރެއްވި ބިލު ވަރަށް ބޮޑަށް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އިޔާދަވާން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ހަމަޖެހިގެން އުޅޭ އެއްބައިވަންތަ ވަރަށް އެކުވެރި ކުލުނާއި ލޯބިން ފުރިގެންވާ މުޖުތަމައުއެއް ކަމަށެވެ.
މީޑީއާ ކޮންޓްރޯލް ކުރާ ގާނޫނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ މިހާތަނަށް ދިމާނުވާ ކަމަށާއި، ގަބޫލުކުރަނީ މީހުން ދައްކާ ވާހަކަ ކަމަށެވެ. އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގާނޫނު ލިޔެފައި އޮތީ ދިވެހި ބަހުން ކަމަށާއި، އެގާނޫނުގައި މީޑިއާގެ މިނިވަންކަން އަތުލާފައިވާ އެއްވެސް ތަނެއް ނުފެންނާނެ ކަމަށެވެ. ނަމަވެސް ހަގީގަތް ބެލުމެއް ނެތި، ތިމާ ބޭނުންވާހާ ވާހަކައެއް ދެއްކުމަކީ އަދި ލިޔުމަކީ މިނިވަންކަން ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދޮގު ހަދާނަމަ އީމާންކަން ފުރިހަމަނުވާނެ ކަމަށާއި، ޚަބަރަކާގެން މީހަކު އައިސްފިނަމަ އޭގެ ދޮގު ތެދު ބަލާފައި ނޫނިއްޔާ އެވާހަކަ ނުދައްކަން އެއޮތީ ގުރުއާނުގައި ވެސް އަންގަވާފައިވާ ކަމަށެވެ.
އަނެކާއަށް ރެސްޕެކްޓް ކުރާ އިހުތިރާމްއަދާ ކުރާ ގައުމަކަށްވާން. އެކަން ނަގާލުމަކަށް އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ. އެހެންވީމަ ހަދަންޖެހޭ ގާނޫނުތައް ހަދާނެ. އެއީ އެމީހަކަށް އޮތް ހައްގެއް އަތުލުމެއް ނޫން. މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ހައްގު އޮންނާނެ އެދާއިރާއިން ކުރަންޖެހޭ ކަންތައް އެ ޒިންމާދާރު ކަމާއެކު ކުރުން. މިފަހުން ފާސްވެ ގާނޫނަކަށްވެގެންދިޔަ ގާނޫނުގައި އޮތީ އެވާހަކަ އެކަނި. އެވާހަކަ އެކަނި އޮތީ. ތެދުބަހުން ބޭނުން އެއްޗެއް ލިޔެވޭނެ. ރިޕޯޓު ކުރެވޭނެ. އެކަމަކު ދޮގު ބަހަކުން ދޮގު ވާހަކަތަކެއް ސާބިތު ނުކުރެވޭ ވާހަކަތަކެއް ނުލިޔެވޭނެ. ސާބިތުނުކުރެވޭ ވާހަކައެއް ލިޔަން އެމީހަކު ޖެހޭ ނަމަވެސް އޭގައި ބަޔާން ކުރަން އެބަޖެހޭ ތިމަންނައަށް މިއީ އަދި ސާބިތުވާ ކަމެއް ނޫނޭ. އަންވެރިފައިޑްއޭ. ވެރިފައިއެއް ނޫނޭ. ބަޔާން ކުރެވެންޖެހޭ ލިޔާއިރުގައި. އެހެން އެ ގާނޫނުގައި އޮތީ. އަޅުގަނޑަށް އަދި ދިމަލެއް ނުވޭ އިހައް ދުވަހު މި ތަސްތީގު ކުރެވިގެންދިޔަ ގާނޫނުކީ އެއްވެސް ނޫސްވެރިއަކާ. އަދި ދިމަލެއް ނުވޭ. ހަމައަނެކަކު ބުނި ވާހަކައެއް ގަބޫލުކޮށްލައިގެން ހަމަ މިދަނީ ކުރިއަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މީޑިއާ ކޮންޓްރޯލް ކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމުން ގިނަ އަދަދެއްގެ ނޫސްވެރިން ރައީސް އޮފީސް ކުރި މައްޗަށް އެއްވެ ބިލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އަދި 28 އޯގަސްޓް 2025 ވީ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ވަނީ ދާއިރާގައި މަސައްކަތް ކުރާ ފުންނާބު އުސް ތަޖުރިބާހުރި ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ނޫސްވެރިންވަނީ ބިލުގައި ހުރި ކަންބޮޑުވާކަންކަން ހިއްސާކޮށްފައެވެ. އަދި އެގޮތުން މީޑިއާ ކޮންޓްރޯލް ކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށާއި އެގޮތަށް މީޑިއާތަށް ކޮންޓްރޯލް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.
ނަމަވެސް ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައްކަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު، މިޑީއާގެ މިނިވަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭ ގޮތަށް 16 ސެޕްޓެންބަރު 2025 ގައި ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖީލިހުން ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން މި ބިލު ފާސްކޮށް، ރައީސް މުއިއްޒު މި ބިލު ތަސްތީގު ކުރެއްވީ، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުންނާއި، ނޫސްވެރިކަމާއި ގުޅުން ހުރި ޖަމިއްޔާތަކުން އެބިލު ބޭރުކޮށްލުމަށް ގޮވާލައި، މުޒާހަރާ ކުރަމުންދަނިކޮށްށެވެ.