އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަ ކުރައްވައިފި އެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އަންނަ ބުރާސްފަތި ދުވަހު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އުރުދުޣާންއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ހަނގުރާމަވެރި މަތިންދާ ބޯޓުގެ މައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މިއީ 2019 ވަނަ އަހަރުގެ ފަހުން އުރުދުޣާން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރަށް ފަހު، ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރުގައި އުރުދުޣާން އާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ބައިޑަންގެ ދައުރުގައި އޭނާ ވަނީ، އުރުދުޣާން އަކީ އަމިއްލަ ވެރިކަމެއް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އުރުދުޣާންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، އުރުދުޣާން އާއެކު ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ކުރިން، އދ ގެ ޖެނަރަލް އެސެމްބްލީގައި ވެސް ދެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ތުރުކީގެ ރައީސް އާއެކު ވިޔަފާރި އާއި ސިފައިންގެ އެތައް މުއާމަލާތެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އޭގެ ތެރޭގައި ބޯއިން މަތިންދާ ބޯޓު ގަތުމާއި، އެފް-16 އަދި އެފް-35 މަތިންދާ ބޯޓު ގަތުމުގެ މަޝްވަރާތައް ހިމެނެ އެވެ. އަދި މި މަޝްވަރާތައް ކާމިޔާބު ގޮތެއްގައި ނިމޭނެ ކަމަށް އުންމީދު ކުރައްވަ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.