ޣައްޒާ ސިޓީގައި "މިހާތަނަށް ނުދެކޭފަދަ ގަދަ ބާރު" ގެ ބޭނުން ކުރާނެ ކަމަށް ބުނެ އިސްރާއީލުން އިންޒާރު ދީފިއެވެ.
މި އިންޒާރުގައި ޣައްޒާ ސިޓީގެ އެންމެން އެ ސިޓީން ނުކުމެގެން ދެކުނަށް ދިއުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. މި އިންޒާރު އައިސްފައިވާއިރު، މީހުން ދަތުރު ކުރުމަށް މީގެ 48 ގަޑިއިރު ކުރިން ހުޅުވާލި ވަގުތީ މަގު ބަންދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ޢަރަބި ބަހުގެ ތަރުޖަމާނު އަވީކައި އެޑްރާއީ ބުނީ: "މިވަގުތުން ފެށިގެން ޞަލާޙުއްދީން މަގު ދެކުނަށް ދަތުރުކުރުމަށް ބަންދުވެއްޖެ ކަމަށެވެ. އަދި އިސްރާއީލް ޑިފެންސް ފޯސް އިން ޙަމާސް އާއި އެހެނިހެން ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް މިހާތަނަށް ނުދެކޭފަދަ ބާރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެއެވެ."
އޭނާ އިތުރަށް ބުނީ ދެކުނަށް ދެވެން އޮތް ހަމައެކަނި މަގަކީ އަލް-ރަޝީދު މަގު ކަމަށާއި، "މި ފުރުޞަތު ބޭނުންކޮށް، ސިޓީގެ އެތައް ލައްކަ ރައްޔިތުން ޖަމާވެފައިވާ ދެކުނުގެ ސަރަހައްދަށް" ދިއުމަށް ފަލަސްތީނު ރައްޔިތުންނަށް އަމުރު ކުރާ ކަމަށެވެ.
އިސްރާއީލުގެ ޓޭންކުތަކާއި ޖެޓް މަތިންދާބޯޓުތަކުން ބުރާސްފަތި ދުވަހު ޣައްޒާ ސިޓީއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ވަނީ ދެކުނަށް ދަތުރުކުރަން މަޖުބޫރުވެފައެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނާ ގޮތުގައި ޣައްޒާގެ ރައްޔިތުން ދެކުނަށް ދަތުރުކުރަމުން ދަނީ ފައިމަގުގަ އާއި އުޅަނދުފަހަރުގައި އަދި ހިމާރުގާޑިތަކުގައެވެ.
އެމީހުން ދަތުރު ކުރަމުން ދަނީ ގެންދެވެން ހުރި ސާމާނާ ވެސް އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނީ "ހަމާސްގެ ޓެރަރިސަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށެވެ. އަދި ރަފާހް އާއި ޚާން ޔޫނިސްގެ ދެކުނު ސަރަޙައްދު ތަކުގައި ވެސް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ.
ހަމާސްގެ ހަތިޔާރުއެޅި ބައި ކަމުގައިވާ އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސް އިން އިސްރާއީލުގެ ސިފައިންނަށް އިންޒާރު ދެމުން ބުނެފައި ވަނީ ގަދަފަދަ ހަނގުރާމައަކަށް ތައްޔާރު ވެގެން ތިބުމަށެވެ.
"ކަލޭމެންގެ ސިފައިންގެ ފުރާނަ ނަރަކައަށް ފޮނުވުމަށް އަހަރެމެން ތައްޔާރަށް ތިބީމެވެ. އަދި ކަލޭމެންނަށް ޓަކައި ޝަހީދުންގެ ލަޝްކަރެއް އަހަރެމެން ތައްޔާރުކޮށްފައި ވާނެއެވެ،" އެ ގްރޫޕުން ނެރުނު ބަަޔާނެއްގައި ބުނެފައިވެއެވެ.
"ޣައްޒާއަކީ ތިޔަބައިމީހުންގެ ސިފައިންގެ ކަށްވަޅަށް ވާނެއެވެ." އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުރާސްފަތި ދުވަހު ބުނީ އެމީހުންގެ 4 ސިފައިން މަރުވެފައިވާ ކަމަށެވެ. މިއީ ޣައްޒާގެ ދެކުނުގައިވާ ރަފާހް ގައި ގޮވާ އެއްޗެއް ބޭނުން ކޮށްގެން ދިން ހަމަލާއެއްގައި މަރުވި ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.