މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ބިލު ތަސްދީގު ކުރުމަށް ފަހު، ރައީސް މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ހުކުރު ދުވަހު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، ރައީސް ބައްދަލުކުރައްވާނެއެވެ.
ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާ އެއްކަމަކީ ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ހުޅުވުމެވެ. އޭގެ އިތުރުން ކުރީ ސަރުކާރުން ފައްޓަވައި ބޮޑު ބައި ނިންމާފައިވާ މަޝްރޫޢުތައް ބާކީ ހުރި މަސައްކަތް ކޮށް ނިންމާ ރިބަންކެނޑުން ވެސް މި ދަތުރުތަކުގައި ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަނީ އެ ރައްރަށަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ އިތުރު ވައުދުތައްވެސް ވަމުންނެވެ.
އެހެން ދަތުރުފުޅުތަކެކޭ އެއްފަދައިން މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސްގެ އަރިހުގައި ދަތުރުފުޅުތަކުގައި ގިނަ ވަޒީރުންތަކެއްގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެ ރަށްރަށުގެ ބޭފުޅުން ވަޑައިގަންނަވައެވެ.