Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 12:37
މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މީގެ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު
މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މީގެ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު
ސޯޝަލް މީޑިއާ
އޭސީސީ
ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، މުޢިއްޒުގެ އެކައުންޓަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އޭސީސީ އަށް
ހައުސިން މިނިސްޓަރު ކަމުގައި މުޢިއްޒު ހުންނެވިއިރު، އަމިއްލަ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި 5،254،252 ރުފިޔާ އާއި، 1560.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވޭ
މިކަން ހާމަވެފައި ވަނީ، 2024 ވަނަ އަހަރު އާންމުވި މަރުކަޒީ ބޭންކުގެ ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓުގައި ކަމަަށް ވަނީ ފާހަގަ ކޮށްފައި
މުޢިއްޒުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާވުމުގެ ކުރިން، ފިނޭންސް މިނިސްޓްރީ އިން، ހުނާން ކޮންސްޓްރަކްޝަން އަށް ފައިސާ ޖަމާ ކޮށްފައިވޭ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މީގެ ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އެކައުންޓަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާ ކުރި މައްސަލަ އެންޓިން ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލިސް މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސްކޮށް މާޒް ސަލީމް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ހައުސިން މިނިސްޓަރު ކަމުގައި ރައީސް މުޢިއްޒު ހުންނެވިއިރު، 2016 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން، 2018 ވަނަ އަހަތުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި 5،254،252 ރުފިޔާ އާއި، 1560.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ރައީސް މުޢިއްޒުގެ އެކައުންޓަށް ޖުމުލަ 5،494،804.00 ރުފިޔާ (ފަސްމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް އަށެއް ސަތޭކަ ހަތަރެއް) ދިވެހި ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މިކަން ހާމަވެފައި ވަނީ، 2024 ވަނަ އަހަރު އާންމުވި މަރުކަޒީ ބޭންކުގެ ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓުގައި ކަމަަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައި ވަނީ، އެފްއައިޔޫގެ ރިޕޯޓުގައި ހާމަކޮށްފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން ރައީސް މުޢިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާ ތަކުގެ ބޮޑެތި އަދަދުތަކާއި، އަދި ރައީސް މުޢިއްޒު ދިވެހި ރާއްޖޭގެ ބޭންކު ތަކަށް އޮޅުވާލުމަށް ކުރައްވާފައިވާ ޣައިރު ޤާނޫނީ ކަންކަމުގެ ތަފްސީލު ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، ބޭރުގެ އެކި އެކި ކުންފުނިތަކާ ހަވާލު ކޮށްގެން ރާއްޖޭގައި ހިންގުނު ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއުތައް ހިންގި ކުންފުނި ތަކުން ގިނަ އަދަދެއްގެ ޑޮލަރު ރައީސް މުޢިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ވިންރަން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ތިން ފަހަރެއްގެ މަތިން ޖަމާ ކުރި 24،348.77 (ސައުވީސް ހާސް، ތިން ސަތޭކަ ސާޅީސް އަށެއް ޕޮއިންޓު ހަތެއް ހަތެއް) ޑޮލަރާއި، އަދި ސިނަމާލެ ބުރިޖާ ގުޅިގެން ހައިވޭ ތަރައްޤީ ކުރި ހުނާން ކޮންސްޓުރަކްޝަނުން ހަތަރު ފަހަރެއްގެ މަތިން ޖުމްލަ 70،449.00 (ހަތް ދިހަ ހާސް ހަތަރު ސަތޭކަ ސާޅީސް ނުވަ) އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ހަމަ އެހެންމެ، ރައީސް މުޢިއްޒުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާވުމުގެ ކުރިން، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީ އިން، ހުނާން ކޮންސްޓްރަކްޝަން އަށް 105،950 (އެއް ލައްކަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ފައިސާ އަކީ ރައީސް މުޢިއްޒުގެ މިނިސްޓަރު ކަމުގައި އެކުންފުންޏަށް ދިން މަޝްރޫއެއްގެ ފައިސާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެންކަމުން މާޒް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރަސްމީ ވާޖިބު އަދާ ކުރުމުގައި ހިންގާ އެކަށީގެން ނުވާ ޢަމަލުތަކާއި، ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުން ކުރުމުގެ އެ މައްސަލަ އޭސީސީ އިން ބަލައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ އޭސީސީ އިން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގު ކޮށްދިނުމަށް ވަނީ ހުށަަހަޅައިފަ އެވެ.

މައްސަލަ ހުށަހެޅުމަށް ފަހު، "ރާއްޖެ ޓީވީ"އާ ވާހަކަ ދައްކަމުން މާޒް ބުނެފައި ވަނީ އޭސީސީ އަށް ހުށަހެޅޭ އެފަދަ މައްސަލަތައް ކޮންމެ ވެސް ދުވަހަކުން ބެލޭނެ ކަމަށެވެ. އަދި މިހާރު އޭސީސީގައި ތިއްބެވި ވެރިން ވެސް ބަދަލު ވާނެ ކަމަށާއި، އޭސީސީ އަށް ދެން އަންނަ އައު ވެރިން އެ މައްސަލަތައް ބަލާނެ ކަމަށާއި، މިހާރު ހުށަހެޅޭ މައްސަލަތައް އޭސީސީގައި އެ ދުވަހާ ހަމައަށް ވެސް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން ބޭނުން ވެގެން މައްސަލައެއް ހުށަހަޅާ ނަމަ، އޭސީސީ އިން ވަރަށް އަވަހަށް އެ މައްސަލައެއް ބަލާކަން ފާހަގަކޮށް މާޒް ބުނީ، އާންމު ފަރުދަކު ހުށަހަޅާ މައްސަލައެއް ބަލަން އޭސީސީ އިން އެތައް ވަގުތެއް ނަގާ ކަމަށެވެ.

މީގެ ކުރިން ވެސް މާޒް ވަނީ އެތައް މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކާއި، ޕީއެންސީ އަށް ވަގު ފޯމު ފުރައިގެން މެމްބަރުން ވެއްދި މައްސަލަ ފާހަގަ ކުރެވެ އެވެ. ނަމަވެސް، މީގެއިން އެއްވެސް މައްސަލައެއް އޭސީސީ އިން މިހާތަނަށް ތަހުގީގު ކޮށްފައި ނުވެ އެވެ.

- ކޮމެންޓް