Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 09:23
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
އަތޮޅު ކައުންސިލް އުވާލުން
އަތޮޅު ކައުންސިލް އުވާލާ އަތޮޅު ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިންގާނީ މިނިސްޓްރީ އިން - ރައީސް މުއިއްޒު
އަތޮޅު ކައުންސިލް ބޭއްވުމުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށް ވިދާޅުވި
އަތޮޅުތައް ގޮތުގައި އަތޮޅު ހިންގާނެ، ކަމާބެހޭ މިނިސްޓްރީތަކުން ހޮސްޕިޓަލް ހިންގަނީ، ސްކޫލް ހިންގަނީ

އަތޮޅު ކައުންސިލް ބޭއްވުމުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލާ، އަތޮޅު ހޮސްޕިޓަލްތަކައި ސްކޫލްތައް ހިންގާނީ މާލޭގައި ހުންނަ މިނިސްޓްރީ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޗެމްޕިއަނެއްކަމަށް ދައުވާ ކުރާ ރައީސް ޑރ. މުހައްމަދު މުއިއްޒު، "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ. އަދި މި ނިޒާމަކީ ކަން ދިމާކުރިގޮތުން، އެމަނިކުފާނަށް ވަރަށްބޮޑަށް އުޅެވިފައި އޮތް، ތަޖުރިބާ ކުރެވިފައި އޮތް، ވަރަށް ރަނގަޅަށް މީގެ ފައިދާއާއި، އަދި ގެއްލުން ހުރި ކަންކަން ރަނގަޅުކުރާނެ ގޮތާއި، މި ކަންކަން ޢަމަލީގޮތުން އެނގޭ ދާއިރާއަކަށްވީމާ އެމަނިކުފާނު ވަރަށްބޮޑަށް އިސްކަންދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރޭގައި މި ނިޒާމު ޗެމްޕިއަންކުރުން ނޫނީ އިތުރަށް ފުރިހަމަކުރަން، ވަރުގަދަކުރަން މަސައްކަތްކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާނެ ކަމަށާއި، އެގޮތުން މިއަދާ ހަމައަށް އައިއިރު އެކިކަހަލަ އިޞްލާޙުތައް ނޫނީވިއްޔާ ރަނގަޅު ކަންކަމާއި ރިފޯރމްތައް ގެނެސްފައިވާ ކަމަށެވެ.

މީގެ ތެރެއަށް އިތުރުވާ އެއްބޮޅު، އަތޮޅު ކައުންސިލްތައް ނުބޭއްވުމަކީ. އަތޮޅު ކައުންސިލްތަކަކީ، އެއްގޮތަކަށްވެސް ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އެއްޗެއްނޫން. އެއްގޮތަކަށްވެސް އަތޮޅު އުވައެއް ނުލެވޭނެ. އަތޮޅަކީ ޖިއޮގްރަފިކަލީވެސް ރާއްޖެ އުފެދިފައިވާ ގޮތް. އަދުގެ ޙަޤީޤަތެއް. އަތޮޅުތަކުގައި އަތޮޅު ލެވެލްގެ ކަންކަން ހަމަ ހިނގާނެ. މިސާލަކަށް އަތޮޅު ހޮސްޕިޓަލް ހުންނާނެ. އަތޮޅު މަދަރުސާ ހުންނާނެ. އަތޮޅު ވެރިކަންކުރާ ރަށްރަށް، މިހެންގޮސް އަތޮޅު އަތޮޅުގެ ގޮތުގައި އޮންނާނެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ ޙަޤީޤަތުގައި ރައްޔިތުންނަށް ފައިދާހުރި، މާނަހުރި، އެއްޗަކަށްނުވާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެކަން ފެނިފައިވާނީ ރައްޔިތުންނަށް ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ، ސީދާ ކައުންސިލްގެ ފަރާތުން ސަރުކާރާ މުޢާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތައް ހޮވަނީ، ސީދާ ރައްޔިތުން ކަމަށާއި، ރައްޔިތުން ހޮވާ ކައުންސިލުން އެ ރަށުގެ ކަންތަކާ ސަރުކާރާ މުޢާމަލާތްކުރުމުން ނިމޭނެ ކަމަށެވެ.

ކޮންމެހެން އަތޮޅު ކައުންސިލްކިޔާފައި އަނެއްކާވެސް، ހަމަ މިހާރު ވެއްޖިއްޔާ އަތޮޅު ކައުންސިލްތަކުގައިވެސް ކައުންސިލްތަކުގެ ރައީސުން އެބަތިބި. އެހެންވީމާ، މިކަމެއް ރަނގަޅަކަށް ނުހިނގައޭ. ކުރުގޮތަކަށް ދަންނަވާކަމަށްވަންޏާ، އަތޮޅު ކައުންސިލް ބޭއްވުމުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް. އެއިން ގެއްލުން މިވަނީ، ޒިންމާދާރުކަން ކުޑަކޮށް މިކަން ކުރާތީ. އެހެންވީމާ، އަތޮޅު ކައުންސިލެއް އޮތުމުގެ ބޭނުމެއް ނެތޭ. އެހެންނަމަވެސް، އަތޮޅުތައް ގޮތުގައި އަތޮޅު ހިންގާނެ. ކަމާބެހޭ މިނިސްޓްރީތަކުން މި ދެންނެވީ ހޮސްޕިޓަލް ހިންގަނީ، ސްކޫލް ހިންގަނީ. އަދި އަތޮޅު ފެންވަރުގެ އެކިކަހަލަ މުބާރާތްތައްވެސް ބާއްވާ. މިހެންގޮސް ހިންގާނެ. އެހެންވީމާ، އަތޮޅު އުވާލުމަކީ ޙަޤީޤީ ވާހަކައެއްނޫން.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ ތެރެއިން ގެނެވޭ އިސްލާހަކަށް ވުމުން، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަންނަންވާއިރަށް އެކަމަށް ކޮންމެވެސް ގޮތެއް ނިންމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް