މިނިވަން މީޑިއާ ނެތިކޮށްލާ ރައްޔިތުންގެ އަނގަ ބަންދުކުރަން ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ބިލުގެ ސަބަބުން ޅެންވެރިޔާ ބަނޑުގައި އޮތް މާނަ ހޯދަން ފީނަން ޖެހޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ގައުމީ މަޖިލީހުގެ އެ ދާއިރާގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ މީޑިއާއަށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަދި ލިޔެކިޔުމުގެ މިނިވަން ކަމަށް މިހާބޮޑަށް އުއްމީދު ކެނޑިގެންދާ ދަނޑިވަޅުގައި އެކަމާއި ދެކޮޅަށް އެމްޑީޕީ އިން ނުކުމެ މަސައްކަތް ފެށުމަކީ އެމްޑީޕީއާއި މެދުގައި ރައްޔިތުންގެ އުއްމީދު އާވެ އާލާވެގެންދާނެ ކަމެއް ކަމަށެވެ. ސަލީމް ވިދާޅުވީ ލަވައެއް ޅެމެއް ބްރޯޑްކާސްޓް ކޮށްގެން އޭގެ ސަރަހައަށް ދާންޖެހިދާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ގިނަ ޅެންތަކާއި ލަވަތަކުގެ މާނަ ނުވެސް އެނގޭ ކަމަށާއި، މިހާރު މި ގެންނަ ގާނޫނުތަކުގެ ސަބަބުން ދިވެހި ޅެންވެރިކަމަށް ވެގެންދާނީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. އަދި ޅެންވެރިޔާގެ ބަނޑުގައި މާނަ އޮތަސް މިހާރު ބަނޑާ ހަމައަށް ފީނަން ޖެހޭ ކަމަށާއި، މިނިވަން ކަމާއެކު ކުރެވެން ހުރި ކަންކަން ގާނޫނު ހަދައިގެން ހޯދަން އުޅެނީ ކޯއްޗެއްތޯ ސަލީމް ސުވާލު އުފެއްދެވިއެވެ.
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ބިލަކީ ބިލެއް ޑްރާފްޓް ކުރުމުގައި އޭގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހަމަވޭތޯ ސާފުކޮށްދޭންޖެހޭ. ބިލެއް ގާނޫނަކަށް ވުމުގެ ކުރިން ޑްރާފްޓިންގ މަރުހަލާގައި އަސާސީ ސިފަތައް ހިމެނިގެންތޯ ބިލު މި ހިސާބަށް އައީ ސުވާލު އުފެދޭ. އެ ގާނޫނުން އަސަރުކުރާ މީހުންނަށް އެ ބިލެއް ނުވެއް ފެނޭ. އޭގައި އޮތް އެއްޗެއް ނޭނގޭ. އަޅުގަނޑުމެންނަކީ އެ ބިލު ގާނޫނަކަށް ވީމާ އަސަރު ކުރާ ޕާޓީކަމުގައި ވާނަމަ އަޅުގަނޑުމެންގެ ހިޔާލު އޭގެ ޑްރާފްޓިންގައި ހިމެނެންޖެހޭނެކަން އެއީ ގާނޫނީ ވަކީލަކަށް ނުވިޔަސް ހަމަބުއްދި ވިސްނުންހުރި ކޮންމެ މީހަކުވެސް ވިސްނަންޖެހޭ. އަޅުގަނޑުމެންނަށް އޭގެ ބައިވެރިވުމުގެ ފުރުސަތެއް ނުދޭ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް![]()
ސަލީމް ވިދާޅުވީ ނޫސްވެރިން މަޖިލީހަށް ގެންދެވުނީ ބިލު މަޖިލީހަށް ހުށަހަޅާ އޭގެ ޕްރޮސެސްގެ ދެބައިކުޅަ އެއްބައި ދިޔަފަހުން ކަމަށެވެ. އަދި ކޮމެންޓާއި ހިޔާލާއި އިސްލާހު ހުށަހަޅަން އެ ދޭންޖެހޭ މަރުހަލާގައި ފުރުސަތު ނުދޭ ކަމަށާއި، އެ ބިލު ބަލައިގަންނަން ދަތިކަމަށް ކޮމިޓީގައި ވެސް ބުނެފައިވާނެ ކަމަށެވެ.
އެތަނަށް ދިޔަ 1 މީޑިއާ ފިޔަވައި ދެން ބުނަމުން ދިޔައީ މި ބިލު ބަލައި ނުގަންނަމޭ، ތިމަންނާ މެންގެ ބައިވެރިވުމެއް ނެތޭ. އެހެންވީމާ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމެއް ނެތް ބިލެއް ގާނޫނަކަށް ވެގެން މާދަން އަންނަ އިރުގައި އޭގައި އޮތް އެއްޗެއް ނޭނގި ކިހިނެއްތޯ އެއަށް އަމަލުކުރާނީ. އެއީ އެންމެ ބޮޑު ކަންބޮޑުވުމަކީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަންޖެހޭ ބިލެއް ކަމަށް. މީގައި ގާނޫނަކަށް ވުމުގެ ޝަރުތު ހަމަނުވޭ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް![]()
ސަލީމް ވިދާޅުވީ މިނިވަން މީޑިއާއެއް އޮތުމަށް ސަރުކާރުން ކަންބޮޑުވާ ކަމަށް ސަރުކާރުން ދައްކާ ބަހަނާއަކީ ދިވެހި ރައްޔިތުންގެ އަބުރު ކަމަށާއި، އަބުރު މުހިންމު ކަމަށާއި، ރައްކާތެރިކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވަމުން ސަރުކާރުން ރައްޔިތުންނަށް ތެދުބަހުން މައުލޫމާތު ދިންތޯ ސުވާލު އުފެއްދެވިއެވެ.
ސަލީމް ވިދާޅުވީ ހީއެއްގެ މައްޗަށް ނުވަތަ ނަފުރަތު އުފެއްދުމުގެ ގޮތުން އެތައް ތަނެއްގައި ސަރުކާރުގައި ތިބި ފަރާތްތަކުން ވާހަކަ ދެއްކި ކަމަށާއި، ވެރިކަން ބަދަލުވެ ސިޔާސަތު ބަދަލުވެ އެ ފަރާތްތައް ވެރިކަމަށް އައުމާއެކު އަނެއްކާވެސް އަބުރުގެ ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.