Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 18:47
ހުޅުމާލެ ދެވަނަ ފިޔަވަހިން 28 މިލިއަން ރުފިޔާއަށް ފަލާހު ބައްލަވާގަނެފައިވާ ބިން ހިމެނޭ ސަރަހައްދު
ހުޅުމާލެ ދެވަނަ ފިޔަވަހިން 28 މިލިއަން ރުފިޔާއަށް ފަލާހު ބައްލަވާގަނެފައިވާ ބިން ހިމެނޭ ސަރަހައްދު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އިބްރާހިމް ފަލާހް
ފޭސް ދޭއްގެ އެންމެ އަގުބޮޑު ސަރަހައްދުން، 28 މިލިއަނަށް ފަލާހް ބިމެއް ބައްލަވައިގެންފި
ކޯޓުގެ ހުކުމުގައި ވާގޮތުން 3،250 އަކަފޫޓުގެ މިބިމުގެ އަގަކީ 26،650،000 ރުފިޔާ، އެހެެން ކަމުން މި ބިން ފަލާހުއަށް ވިއްކާފައިވަނީ އަކަފޫޓަކަށް 8،200 ރުފިޔާގެ ރޭޓުންކަން އެނގޭ
ގޯތީގެ އަގުގެ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ %8 ޓެކްސް ކަމަށްވާ 2،132،000 ރުފިޔާ އާއެކު ޖުމްލަ، 28،782،000 ރުފިޔާ މިބިން ބައްލަވައިގަތުމަށް ފަލާހު އެޗްޑީސީއަށް ދައްކާ ޚަލާސްކޮށްފައިވޭ
ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން މި ބިމަކީ މީގެކުރިން 19 މާރޗް 2025 ގައި އެޗްޑީސީގެ ފަރާތުން މއ. ސީރާޒީގެ، އިމްރާން އަލީ އަށް ވިއްކުމަށް އެއްބަސްވެފައިފާ ބިމެއްކަން އެނގޭ

ހުޅުމާލެ ފޭސް 2 ގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ބީޗް ފްރޮންޓް ސަރަހައްދުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު 28 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގަތްކަން ސިވިލް ކޯޓުން ކުުރި ހުކުމަކުން ކަށަވަރުވެއްޖެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން 17 ސެޕްޓެމްބަރު 2025 ގައި ކުރެއްވި ހުކުމުގައިވާ ގޮތުން، ފަލާހު ބައްލަވައިގަތް ބިމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 22173 އެވެ. މިއީ ބީޗް ފްރަންޓުގައި އޮންނަ 3،250 އަކަފޫޓުގެ ބިމެކެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން މި ބިމަކީ މީގެކުރިން 19 މާރޗް 2025 ގައި އެޗްޑީސީގެ ފަރާތުން މއ. ސީރާޒީގެ، އިމްރާން އަލީ އަށް ވިއްކުމަށް އެއްބަސްވެފައިފާ ބިމެއްކަން އެނގެއެވެ. ނަމަވެސް 9 ޖުލައި 2025 ގައި އެއްބަސްވުމަށް އިސްލާހެއް ގެނެސް ބިމުގެ ހައްގުތަކާ މަސްއޫލިއްޔަތުތައް ފަލާޙުގެ ނަމަށް ބަދަލުކޮށް، ބިން ގަންނަ ފަރާތަކީ ފަލާހުކަމަށް ކަނޑައަޅާފައިވާ ކަމަަށްވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކޯޓުގެ ހުކުމުގައި ވާގޮތުން ބިމުގެ އަގަކީ 26،650،000 (ސައްބީސް މިލިއަން ހަލައްކަ ފަންސާސްހާސް) ރުފިޔާއެެވެ. އެހެެން ކަމުން މި ބިން ފަލާހުއަށް ވިއްކާފައިވަނީ އަކަފޫޓަކަށް 8،200 ރުފިޔާގެ ރޭޓުންކަން އެނގެއެވެ. އަދި ގޯތީގެ އަގުގެ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ %8 ޓެކްސް ކަމަށްވާ 2،132،000 (ދެމިލިއަން އެއްލައްކަ ތިރީސްދެހާސް) ރުފިޔާ އާއެކު ޖުމްލަ، 28،782،000 (އަށާވީސް މިލިއަން ހަތްލައްކަ އައްޑިހަދެހާސް) ރުފިޔާ މިބިން ބައްލަވައިގަތުމަށް ފަލާހު އެޗްޑީސީއަށް ދައްކާ ޚަލާސްކޮށްފައިވާ ކަންވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ވެއެވެ.

ފަލާހު މި ބިން ބައްލަވާގަތްކަން އޮގަސްޓް މަހު ސޯޝަލް މީޑިއާގައިވަނީ އިއުލާނު ކުރައްވާފައެވެ. އޭނާގެ މާލީ ބަޔާނާ ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް އަލަށް ބައްލަވައިގަނެފައި ވާކަމަށާއި، ނަމަވެސް މި ބިންތަކުގެ ރަޖިސްޓްރީ އަދި އޭނާގެ ނަމަށް ބަދަލުނުކުރެވޭ ކަމަށް އޭރު ފަލާޙު އެކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެެވެ.

ފަލާހުގެ މާލީ ބަޔާނުން ދައްކާގޮތުގައި، މޭ 2024 އިން މޭ 2025 އަށް އޭނާގެ ނަމުގައިވާ 4 ބިމުން ކުލީގެ ގޮތުގައި އަހަރަކު 3،276،000 ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން، މާފަންނު "އަލް ހަދީދް" ނަމަކަށް ކިޔާ 1000 އަކަފޫޓުގެ ގޯއްޗެއް 4 މިލިއަން ރުފިޔާއަށް ބައްލަވައިގަނެފައިވާކަން ފާހަގަކުރެވެއެވެ.

ފަލާހުގެ އާމްދަނީގެ ތެރޭގައި މަޖިލިސް މެންބަރުކަމުގެ މުސާރައިގެ ގޮތުގައި 990،000 ރުފިޔާއާއި، ވިޔަފާރީގެ ނަފާގެ ގޮތުގައި 900،000 ރުފިޔާ، އަދި ކުލީގެ ގޮތުގައި ލިބޭ 3،276،000 ރުފިޔާ ހިމެނެއެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި 5،166،000 ރުފިޔާ ލިބިފައިވާކަން މާލީ ބަޔާނުން ހާމަވެއެވެ.

ފަލާހުގެ މާލީ ބަޔާނުގައި ވާގޮތުން، ފަލާހުގެ ބޭންކް އެކައުންޓްތަކުގައި 111،074.84 ރުފިޔާއާއި 300.75 އެމެރިކާ ޑޮލަރު ހުރިއިރު، މިއަހަރުގެ ފެބްރުއަރީ 20 ގައި ބޭންކް އޮފް މޯލްޑިވްސްއިން 15،727،000 ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. މާލީ ބަޔާނުން ދައްކާގޮތުގައި މިވަގުތު އޭނާގެ ދަރަނީގެ ގޮތުގައި 15 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ފާހަގަކުރެވެއެވެ.

ގައުމުގެ އިގްތިޞާދީ ހާލަތު މިއިން ޒަމާނަކު ދަށަށްނުދާހާ މިންވަރަށް ދަށަށްގޮސްފައިވާ މިފަދަ ދަނޑިވަޅެއްގައި، ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅުންގެ މިފަދަ އަގުބޮޑެތި މުއާމަލާތްތައް ހާމަވުމުން، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

- ކޮމެންޓް