ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ބާއްވަން ނިންމާފައިވާކަން، އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) އިއުލާން ކުރައްވައިފި އެވެ.
ޓޮމްގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، 2025/2026 ވަނަ ސީޒަން އިން ފެށިގެން އެފްއޭއެމް އެވޯޑްސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އިތުރަށް އެ ޕޯސްޓުގައި ޓޮމްް ވިދާޅުވެފައި ވަނީ ކުޅިވަރުގެ ރޫޙު އިތުރަށް އާލާ ކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރު ކުރުމާއި، އަދި ފުޓުބޯޅައިގެ ޚިދުމަތްތެެެރިންގެ އަގު ވަޒަން ކުރުމުގެ މަޤުސަދުގައި، އެފްއޭއެމް އިން މި ސީޒަނާ އެކު އެވޯޑްސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވި ޓޮމް ވިދާޅުވެފައިވާ ގޮތުގައި، އެފްްއޭއެމް އެވޯޑްސްގައި 11 ދާއިރާ އަކުން އެވޯޑު ދިނުމަށް ވަނީ ނިންމައިފަ އެވެ.
އެފްއޭއެމް އިން ދިނުމަށް ނިންމާފައިވާ އެވޯޑްސް ތަކުގެ ތެރޭގައި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހިމެނެ އެވެ. މި މަގާމުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ އަށް އެވޯޑު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން އެންމެ މޮޅު ފުޓުބޯޅަ ކޯޗު، އެންމެ މޮޅު ފުޓުބޯޅަ ކުލަބު، 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ރާއްޖެ އިން ބޭރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު، އެންމެ މޮޅު ގޯލު ކީޕަރަށް ދޭ ރަން އަންގި، އެންމެ މޮޅު ފުޓުބޯޅަ ރެފްރީ، އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލު ހިމެނެ އެވެ.
ޓޮމްގެ ޕޯސްޓު ނިންމާލަމުން އޭނާ ވަނީ އަލަށް ފަށާ ފުޓުބޯޅަ ސީޒަންގައި ވާދަ ކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗުތަކުގައި އިންސާފު ކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި ސީޒަނަކަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އޮތް އެފްއޭއެމްގެ އިންތިޚާބު ކާމިޔާބު ކުރައްވައި، އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ޓޮމްގެ އެންމެ ބޮޑު ވައުދަކީ ގެއްލިފައިވާ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމެވެ. އަދި ފުޓުބޯޅައިގެ ވާދަވެރިކަން އުފައްދައި، ވަޅު ޖެހިފައިވާ ދިވެހި ފުޓުބޯޅަ އަށް އާރޯކަމެއް ގެނެސް ދިނުމެވެ.