ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، އަސާސީ ތަކެތީގެ އަގުތައް ވަނީ ނުހަނު ބޮޑުތަނުން މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދުރު ރާސްތާގެ ހައްލުތަކެއް ނޫންކަމަށް ވިޔަފާރިވެރިން ފާހަގަކުރަމުންދެއެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެކެވެ. ތަކެތީގެ އަގުބޮޑުވުމާއެކު އެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނައުމަކީ ދާއިމީ ހައްލުކަމަށް މި ސަރުކާރުން ދެކެއެވެ.
ހައްތާހަވެސް މައްސަލައަކީ ސަރުކާރަށް ނޭނގުމެވެ. ސަރުކާރުން ރޯނު އެނދުރު ހެދިގެން ދުވަނީއެވެ. ނަމަވެސް މިހާތަނަށް ހައްލު ހޯދައި ދިން ކަމެއް ނެތެވެ. ފެށި ކޮންމެ ކަމެއް އޮތީ މިފަދައިންނެވެ. ޑޮލަރުގެ މައްސަލައަށް ހައްލު ހޯދަން ކުރި ކަމަކުވެސް ރައްޔިތުންނަށް ޖެހުނީ އެ ތަކުލީފު އުފުލާށެވެ. ސަރުކާރުން ބުނެފައިވާ ގޮތަށް ޓީޓީ އުސޫލުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ވިޔަފާރިވެރިން ބުނާ ގޮތުގައި ބޭންކުތަކުން އެކަށީގެންވާ މިންވަރަށް ޑޮލަރު ލިބެމުން ނުދެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ތަކެތި އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. 20 ރުފިޔާއަށްވުރެ ދަށްކޮށް ޑޮލަރެއް ނުލިބެއެވެ.
މިއާއެކު އުފުލިގެންދަނީ ބޭރުން އެތެރެކުރާ ސާމާނުގެ އަގެވެ. މިއަދު އޮރެންޖާއި އާފަލެވެ. އިހައްދުވަހަކު މައިލޯ ޕެކެޓާއި ކިރެވެ. އޭގެ ކުރިން ލުނބޯ ފިޔާއެވެ. މިހެން ދިމާވާ ކޮންމެ ފަހަރަކު ސަރުކާރުން ހައްލަކަށް ދައްކަނީ އެސްޓީއޯއެވެ. އެސްޓީއޯއަށް ގެއްލުން ވިޔަސް ހެޔޮކަމަށް ތަކެތި ގެނެސްގެސް ވިއްކަނީއެވެ. ބާޒާރުގައި މިހާރު އޮރެންޖާއި އާފަލުގެ އަގު 10 ރުފިޔާއިން މަތީގައި ހުރުމާ ގުޅިގެން، އެސްޓީއޯ މެދުވެރިކޮށް މި ބާވަތްތައް އެތެރެކުރުމަށް ސަރުކާރުން ނިންމީއެވެ. ދިރާސާއެއް ފަހުންވާނެ ގޮތެއް ނުބަލައެވެ. ނަމަވެސް މިއީ އާންމު ވިޔަފާރިވެރިންނަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ވިޔަފާރި ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ ކުރިންވެސް ފިޔާ، ލުނބޯ އަދި ކާށި ފަދަ ތަކެތި އެސްޓީއޯއިން ގެނައުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.
ދެންވެސް އޮތީ މި ހާލަތެވެ. މިއަދު ގެނައީ އޮރެންޖެވެ. ދެން ގެންނަން ނިންމީ 10 ބާވަތެކެވެ. ފުނޑެމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑާލުމުގެ އަޒުމުގައެވެ. ނަމަވެސް ސަރުކާރުން މިއަށް ކިޔަނީ ފުޑް ސެކިއުރިޓީއެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގެންނަން ރައީސް އިއުލާން ކުރެއްވީއެވެ. ރައްޔިތުން ރުއްސާށެވެ. ނަމަވެސް ހަގީގަތުގައި ފުޑް ސެކިއުރިޓީގެ ނަމުގައި ކުދި ވިޔަފާރިތައް ފުނޑާލަން އެ އެޅުއްވީ ފިޔަވަޅެއް ކަމެއް ހުދު އެމަނިކުފާނަކަށްވެސް އެނގިވަޑައިގެންނަވާހެން ހިޔެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަރިހުގައި ވެސް ތިއްބެވީ ހުސް މީދާ ކެއި އުނބުތަކެވެ.
އިޤްތިޞާދީ މާހިރުންގެ ބުނާގޮތުގައި، ރާއްޖެއަށް މިލިއަނުން ޑޮލަރު ވަންނަމުންދާއިރު، ސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވަނީ އިޤްތިޞާދު ހަލާކުވެފައެވެ. ސަރުކާރުން އާންމު ވިޔަފާރިތަކަށް ވަނުމަކީ ހިނގަމުންދާ އިޤްތިޞާދަށް އިތުރު ގެއްލުންތަކެއް ލިބި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ރައީސެވެ. ކޮންމެ ކަމެއްގެ ހައްލަކީ އެސްޓީއޯ ކަމުގައިވާނަމަ މިގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވެސް އެސްޓީއޯ މެދުވެރިކޮށް ހައްލުކޮށްދެއްވާށެވެ. ޑޮލަރުވެސް އިމްޕޯޓްކުރައްވާށެވެ. ޑޮލަރު ހުރީ އަތްފޯރާ ފަށުގައެއް ނޫނެވެ. 15.42 އަށް ލިބެންޖެހޭ ޑޮލަރު ހުރީ 20، 21 ރުފިޔާގައެވެ. މަނިކުފާނުގެ ހެޔޮފުޅުކަމުން މިކަންވެސް ކޮށްދެއްވާށެވެ.