"އެމްޑީޕީ މުޒާހަރާގައި 1000 މީހުން ވެސް ހަމައެއް ނުވޭ. މާ މީހުން ގިނަކަމަށް ދައްކައިގެން އެ އުޅެނީ. ބޮޑު ކލަދެއްގައި ބެދުނީ ދޯ. އޭރުވެސް އެނގޭ ރައްޔިތުން އެމްޑީޕީގެ ބަހަކަށް ނުހެއްލޭނެ ކަން."
"މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ވެސް ލިބުނީ މަދު މީހުން ކޮޅެއް. މިހާރު އެނގިއްޖެ ރައްޔިތުން ރައީސް މުއިއްޒުގެ ސަރުކާރާއި މެދު ރުހޭކަން. މި ގައުމުގަ ދެން އެމްޑީޕީ އަކަށް ތާއީދެއް ނޯންނާނެ."
"ރޭގެ އެއްވުމަށް ބަލާލިޔަސް އެނގޭ އެތަނުގައި ތިބީ އެންމެ ހަޔަކަ ކެނައިން ކަން. ބަލަ ރައްޔިތުން ހޭބައްޔެއް ނުވެޔޭ، އެމްޑީޕީ އަކަށް ދެން މިގައުމުގައި ވެރިމަކެއް ނުކުރެވޭނެ"
"ހައެއްކަ ކެނައިން މަގުމައްޗަށް ނެރެފަ އެމްޑީޕީ ބޮޑުން ބެޗީ، ފިލީ، މިއީ މި މީހުންގެ ފެންވަރު. ކޮންމެ ފަހަރަކުވެސް ރަށްރަށުން މީހުން މާލެ ގެނެސް އެ ލަނޑު އެ ދެނީ"
މިއީ ހައްތަހާ ވެސް ރައީސް މުއިއްޒަށް ތާއީދު ކުރާ ސަރުކާރުން ކަޅު ފައިސާ ދީގެން ދޮގު ޚަބަރު ފަތުރަން ތިބި ބޮޓުން ތައް ސޯޝަލް މީޑިއާގައި ދައްކާފަ ހުރި ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތެކެވެ.
ސޯޝަލް މީޑިއާ ޕްލެޓް ފޯމުތަކުގައާއި ސަރުކާރުގެ ބަޖެޓުން ބައިއަޅައިގެން ހިންގާ ރައީސް މުއިއްޒަށް ސަނާކިޔާ ނޫސްތަކުން ވެސް ދިޔައީ މިފަދަ ހަގީގަތަކާއި ޚިލާފު އެތަކެއް ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ.
މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، އެކަމުން ސަލާމަތް ވުމަށް މިއަދު މި ގައުމުގެ ރައްޔިތުން އަންނަނީ އެމީހުންގެ ޝުއޫރުތައް އެކި ގޮތްގޮތުން ފާޅުކުރަމުންނެވެ. ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ގޮތް ހުސްވެ، ހަދާނެ އެއްވެސް ގޮތެއް ނެތުމުނެނެވެ.
ވާނީވެސް އެހެންތާއެވެ. ޑޮލަރުގެ އަގު ބޮޑުވެ، މިހާރު ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއިން މަތީގަ އެވެ. ބާޒާރުގެ ތަކެތީގެ އަގު އަތް އަތްނުފޯރާފަށަށް މައްޗަށް ގޮސްފި އެވެ. އަދި މީގެ އިތުރުން ވެސް ކަރަންޓު ބިލު ވެސް އެތަކެއް ގުނައަކަށް ބޮޑުކޮށް ރައްޔިތުންނަށް އެތަށް ތަކުލީފުތަކެއް ޖައްސައިފި އެވެ. އެ ނިކަމެތި ރައްޔިތުންގެ ދިރިއުޅުމަށް ދަތިކޮށްފި އެވެ. މިކަންކަމުން ނިކަމެތި ރައްޔިތުންނާއި މެދު ރައީސް މުއިއްޒުގެ ހިތްޕުޅުގައި ކުޑަވެސް ރަހުމެއް ކުލުނެއް ނެތްކަން އެނގިހާމަވެ އެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެ، އުޅެން އުނދަގޫ ވީމަ ދެން ރައްޔިތުންނަށް އޮތް ގޮތަކީ މަގުމައްޗަށް ނުކުމެ އެ ރައްޔިތުންގެ އަޑު ރައީސް މުއިއްޒަށް އިއްވުމެވެ. އެ ނޫން އެހެން ގޮތެއް މިއަދު ރައްޔިތުންނަށް ނެތެވެ.
ކަންމިހެން އޮތުމުން އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކާއި މަޝްވަރާކޮށް މި ސަރުކާރުން ރައްޔިތުން ލޫޓުވަމުން ގެންގޮސް ރައްޔިތުން ހާލުގައި ޖައްސާތީ އެކަން ހުއްޓުވައި ހަމަމަގަށް އެޅުވުމަށް "ލޫޅުވައިފި ލޫޓުވައިފި" ނަމުގައި ބޮޑު އެއްވުމެއް ވަނީ ރާވަފަ އެވެ. އެތައް ހާސްބަޔަކާއި އެކު އެއްވުން ހުކުރު ދުވަހުގެ ވަނީ ބާއްވާފަ އެވެ.
ރަށްރަށުންނާއި މާލޭން ގިނަ އަދަދެއްގެ މީހުން އެއްވެގެން 10،000 އާއި ގާތްކުރާ އަދަދަކަށް އާޓިފިޝަލް ބީޗަށް މީޙުން ޖަމާވެ، މި ސަރުކާރަށް ބޮޑު މަންޒަރު ދައްކާލި އެވެ. މި ބޮޑު މަންޒަރު ދައްކާލުމުން ސަރުކާރުގެ ބޮޑުންނަށް ލިބިގެން ދިޔައީ އެ ފަރާތްތަކުން ހީވެސް ނުކުރާފަދަ ބޮޑު ހައިރާންކަމަކާއި ބޮޑު ސިހުމެކެވެ.
ރައްޔިތުން ދައްކާލި ބޮޑު މަންޒަރު ސަރުކާރަށާއި ސަރުކާރަށް ސަނާކިޔާ ބޮޓުންތަކަށް ހަޖަމް ނުކުރެވުނެވެ. އެކަމާއި ހަދާނެ ގޮތް ހުސްވެ، ދެން ކުރަންވި ކަމެއް ނޭންގި ތެޅިފޮޅެމުން ދިޔަ މަންޒަރު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ދިޔަ އެވެ.
ބޮޑު މަންޒަރު ފެނި ހަޖަމް ނުކުރެވުމުން ސަރުކާރުގެ އެންގުމަށް ސަރުކާރުގެ ބޮޓުން ތައް ދެން ފެށީ މި އެއްވުމާއި ގުޅިގެން ހަގީގަތާއި ޚިލާފު ބުހުތާނު ދޮގު ފަތުރުމުގެ މަސައްކަތެވެ. މި ބޮޑު އެއްވުމުގެ ހަގީގަތް އޮޅުވާލުމަށެވެ. އެ އެއްވުމުގައި ބައިވެރިވި މީހުން މަދުކަމަށް ދެއްކުމަށެވެ.
އިސާހިތަކު ލަސްތަކެއް ނުވެ، ރައީސް މުއިއްޒުގެ ބޮޓުންތައް މި ބޮޑު އެއްވުމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި އާއި ސަރުކާރުގެ ބަޖެޓުން ބައިއަޅާ މުއިއްޒަށް ސަނާ ކިޔާ ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ބުހުތާނު ދޮގު ޚަބަރުތައް ލިޔެ އާންމުކުރަމުން ގެންދިޔަ އެވެ.
ހަމަ ހަގީގަތުގައި ވެސް ބޮޑު މަންޒަރު ދައްކާލުމުން ރައީސް މުއިއްޒުގެ ބޮޓުން ނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ޕީއެންސީ މަޖިލިސް މެމްބަރުން ނަށް ދެން ހަދާނޭ ގޮތެއް ނޭންގި މޮޔަގޮވަން ފެށި މަންޒަރު ފެނިގެން ދިޔަ އެވެ. ގަތް ލަދުންނެވެ.
ރައީސް މުއިއްޒުގެ ބޮޓުންނޭވެ. ދުލާއި ގަލަމުން ކިތަންމެ ދޮގުތަކެއް ހެދިޔަސް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ އެވެ. ޕީއެންސީ ހަރުގެ ޖަލްސާއަށް ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކައި، މަޖުބޫރުކޮށްގެން ދަމާކޫތާފައި ބޯގިނަ ކުރަން މީޙުން ގެންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ބޮޑު އެއްވުމުގައި ބައިވެރިވި ބޮޑު ލަސްކަރުގައި ހިމެނޭ އެންމެންނަކީ ވެސް ހަމަ ހިތުން ރުހުމުން އައިސް ރައީސް މުއިއްޒުގެ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް އަޑުއުފުލި ރައްރިތުންނެވެ. ހަޖަމް ނުވިޔަސް މިއީ ހަގީގަތެވެ. ހަޖަމް ކުރަން ދަސްކުރާށެވެ. ދޮގު ފެތރުރުމަކުން ހަގީގަތް އޮޅުވައެއް ނުލެވޭނެ އެވެ.