ބ ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމާއި ރުޅިގަދަވެ އެ ރަށުގެ ރައްޔިތުން މުޒާހަރާކޮށްފި އެވެ.
ދޮންފަނުގައި ބުދަ ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
މުޒާހަރާގެ ބައިވެރިން އެއް އަޑަކުން ގޮވާލަމުން ގެންދިޔައީ ރައީސް މުއިއްޒުގެ އެ ނިންމުން ބަދަލުކުރައްވައި، ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން ބިންހިއްކުން އަވަސް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.
ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ރާއްޖެ އެމްވީ އަށް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެގޮތުން ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް ބިން ހިއްކައިގެން ނަމަވެސް އަދި ރަށުގައި މިވަގުތު އޮތް ހުސްބިމުގައި ރޯހައުސްތަކެއް އަޅައިގެން ކަމުގައި ވިޔަސް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވުމަށް އެދޭ ކަަމަށެވެ.
އިރުޝާދު ވިދާޅުވީ ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރުގައި ވެސް އެ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްކަން ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށެވެ. ނަމަވެސް ފަހުން ބިންހިއްކުމަށް ނިންމެވި އެ ނިންމެވުން ބަދަލުކުރައްވައި އެކަން ކެންސަލް ކުރުމަކީ އެ ރަށުގެ ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުޝާދު ވިދާޅުވީ ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ލިބެންދެން ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް ސިލްސިލާ ކޮށް ކުރިޔަށް ދާނޭ ކަމަށެވެ.
ދޮންފަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާކަމުގެ މައްސަލަ. މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ ވެސް އެއީ، ރައީސް މުއިއްޒު އަލުން ރަނގަޅަށް ވިސްނާވަޑައިގެން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުން. ބިން ހިއްކައިގެން ވިޔަސް ނޫނީ ރަށުގެ ހުސްބިން އޮތް ތަނުގައި ރޯހައުސްތަކެއް އަޅައިގެން ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ބޭނުން ވަނީ. މިކަމަށް ހައްލެއް ލިބެން ދެން މުޒާހަރާތައް ކުރިޔަށް ދާނެ.
ބ ދޮންފަނު ކައުންސިލް ރައީސް އަހުމަދު އިރުޝާދު![]()
ދޮންފަނު ރައްޔިތުންގެ މުޒާހަރާކުރަމުން ގެންދިޔައީ އެމީހުންގެ ކަންބޮޑުވުންތަކުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެގޮތުން ބިން ހިއްކުން އަވަސްކުރޭ، ރައްޔިތުންގެ އާދޭސް އަޑު އަހާ، ދޮންފަނު ރައްޔިތުންނަށް ހައްގުމިންވަރަކީ މިއީ ތޯ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާ ފަދަ ޝުއޫރުތައް ހިމެނެއެވެ.
ބޯހިޔާވަހިކަމަށް ހައްލުހޯދުމަށް ދޮންފަނުގެ ރައްޔިތުން މުޒާހަރާކުރަން ފަށާފައިވާއިރު، އަންގާރަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދު ވިން ކަމަށާއި އަދި އެވައުދު ފުއްދުމަށް އެގްރިމެންޓުގައި ސޮއި ވެސް ކުރި ކަމަށް ރައިސް ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުން އެ މަޝްރޫޢު ހިންގަން ބޭނުން ނުވާކަން ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ އެރަށުގައި ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށާއި ރަސްމީކޮށް އެ ކައުންސިލަށް ސިޓީއަކުން ކަމާބެހޭ ވުޒާރާއިން އަންގާނެ ކަމަށް ވެސް ރައިސް ވަނީ ވިދާޅުވެފަ އެވެ.