Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 13:48
އުނގޫފާރު ބަނދަރަށް ބޯޓެއް ވަންނަނީ
އުނގޫފާރު ބަނދަރަށް ބޯޓެއް ވަންނަނީ
ރާއްޖެއެމްވީ
އުނގޫފާރު ކައުންސިލް
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން އުނގޫފާރު ކައުންސިލް މެންބަރަކު ވިދާޅުވީ ނެރު ތިލަވުމުގެ މައްސަލަ އަކީ ދުވަސްވީ މައްސަލަ އެއް ކަމަށާއި ކަމާއި ބޭހޭ އިދާރާ ތަކުގައި ވެސް އެކަންބޮޑުވުން ހިއްސާ ކޮށްފައިވާނެ ކަމަށް
ސަރުކާރުން އެރަށުގައި ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ އޮންނަތާ ވަރަށް ދުވަސް ވެފައިވާތީ އެ ސަރަހައްދު ހިއްކަން އަޅާފައިވާ ވެލިތައް ގިރާލައިގެން ގޮސް ނެރު ތިލަވަމުން ދާކަމަށް އެރަށުގެ މީހުން ބުނޭ

މިސަރުކާރުން ރ. އުނގޫފާރުގައި ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން އެރަށު ނެރު ތިލަވެ އެރަށަށް މުދާ ހިފައިގެން އަންނަ ބޯޓު ތަކަށް ނުވަދެވޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން އުނގޫފާރު ކައުންސިލް މެންބަރަކު ވިދާޅުވީ، ނެރު ތިލަވުމުގެ މައްސަލަ އަކީ ދުވަސްވީ މައްސަލަ އެއް ކަމަށާއި ކަމާއި ބޭހޭ އިދާރާ ތަކުގައި ވެސް އެކަންބޮޑުވުން ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ހައްލެއް ލިބިފައިނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ނޫހަށް މައުލޫމާތު ހިއްސާކުރި އެރަށުގެ ބައެއް މީހުން ބުނިގޮތުގައި މި ސަރުކާރުން އެރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ފަށައި ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ އޮންނަތާ ވަރަށް ދުވަސް ވެއްޖެ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދު ހިއްކަން އަޅާފައިވާ ވެލިތައް ގިރާލައިގެން ގޮސް ނެރު ތިލަވަމުން ދާކަމަށް އެރަށުގެ މީހުން ބުނެ އެވެ.

މީގެ އިތުރުން އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖެއްގައި ހިއްސާ ކޮށްފައިވާ ވީޑީއޯއެއްގައި ކައުންސިލް ގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އުނގޫފާރު ކައުންސިލް ގެ ފަރާތުން ގަރާރެއް ނެރެފައިވާނެ ކަމަށާއި އެ ގަރާރަކީ އުނގޫފާރުގެ ނެރު ބެދިގެން ދަތުރުކުރާ ބައެއް ފަރާތްތަކަށް ނެރުން ނުވަދެވޭތީވެ ނެރުނު ގަރާރެއް ކަމަށެވެ. ރަޝީދު ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

މިހާރު އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބުނު ޖަވާބަކީ މިހާރު އެ ނެރުގައި ހުރި ކޮންނަން ބޭނުންވާ ސަރަހައްދާއި އެ ހުރި ފޫން މިނާ، ނަގާ ވެލި ހަދާނެ ގޮތަކާ އެކަންތަކަށް ކިހާ ހަރަދެއް ހިނގާނެތޯއާ އެކަމުގެ މައުލޫމާތު ސާފުކޮށްފަ އަންގާށޭ. އީއައިއޭ ރިޕޯޓެއް ހަދަން ޖެހޭ ކަމަކަށް ވާތީއެ. ދެން އަޅުގަނޑު ބުނެފިން މީކީއެއް އީއައިއޭ ހަދާކަށް ނޫނޭ މިއުޅެނީ، މިއުޅެނީ އީއައޭ ހަދާފަ އޮތް ތަނެއް ތިލަވާތި އެތަނުން އެޅިފައި ހުރި ވެލިތައް ނަގަން ވެގެންނޭ.

ކައުންސިލް ގެ ރައީސް އަބްދުﷲ ރަޝީދު

ކައުންސިލް ގެ ރައީސް ވިދާޅުވީ، ސަރުކާރުން އެކަން ހަމަޖެހިގެން އަންނަހާ އިރެއް ވަންދެން ތިބެވެން ނެތް ކަމަށާއި ރަށަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރެވެން އޮންނަނީ އެ ނެރުން ކަމަށެވެ. އަދި ބޯޓު ފަހަރަށް ރަށަށް ކައިރި ނުކުރެވުމުގެ ސަބަބުން ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ހަލާކުވާކަން ރަޝީދު ފާހަގަ ކުރެއްވި އެވެ.

އުނގޫފާރު ކައުންސިލުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ނެރުނު ގަރާރުގައި ވާގޮތުން، އެރަށު ބަނދަރުގެ ނެރަށް ވެލި ފައިބާ ނެރު ތިލަވެ ލަފާފުރުމަށް ދަތިވެ އުނގޫފާރަށް މުދާ ހިފައިގެން ދަތުރުކުރާ ބޯޓުފަހަރު ފަޅަށް ނުވަދެވި އަނބުރާ ދިއުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންގެ ފަރާތުން އެތައް ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގައި އެތައް ފަހަރެއްގެ މަތިން ޝަކުވާ ކުރުމުން ވެސް މިކަމަށް އެކަށިގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށާއި އެގޮތުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން މިދަތިކަން ހައްލުކުރަމަށްޓަކައި ވެލިނަގާ ފަރާތްތަކަށް ވެލި ނެގުމުގެ ފުރުސަތު ހުޅުވާލައި ނެރުން ވެލިނަގަން ހުއްދަ ދިނުމަށް ކައުންސިލްގެ 44 ވަނަ ޖަލްސާގައި ގަރާރަކުން ފާސްކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުން އުނގޫފާރުގައި ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ދުކޮށްލާފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެ އެވެ. އަދި މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.

- ކޮމެންޓް