ޕޮލެންޑުގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ ޑްރޯނެއް ވަދެފައިވާތީ، އެ އުޅަނދުތަކާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހަތިޔާއެކު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފިއެވެ.
ޕޮލެންޑްގެ ހަތިޔާރުއެޅި ބާރުތަކުން ބުނެފައިވަނީ ބުދަ ދުވަހު ހެނދުނު އެ ޤައުމުގެ ވައިގެ ސަރަޙައްދަށް "ތަކުރާރުކޮށް ވަދެފައިވާ" ޑްރޯން ބާވަތުގެ އެއްޗެއް ނައްތާލުމަށް ހަތިޔާރު ބޭނުން ކޮށްފައިވާ ކަމަށެވެ.
"ހަތިޔާރު ބޭނުން ކުރެވިފައިވާ ކަމަށާއި، ވައްޓާލެވުނު އުޅަނދު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް" އެ ފަރާތުން އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ.
ރޮއިޓަރސް ނިއުސް އޭޖެންސީން ބުނާ ގޮތުގައި ރަޝިޔާގެ ޑްރޯންތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަމުގެ ރިޕޯޓުތަކާ ގުޅިގެން، ވޯސޯ ގައި ހުރި އެންމެ ބޮޑު ވައިގެ ބަނދަރު ހިމެނޭ ގޮތަށް ޕޮލެންޑްގެ ހަތަރު ވައިގެ ބަނދަރެއް ބަންދުކޮށްފައިވެއެވެ.
ޕޮލެންޑްގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ސެޒަރީ ޓޮމްޗިކް ވިދާޅުވެފައިވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އެއްޗެހި "ނައްތާލުމުގެ" މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޑެޕިއުޓީ ޑިފެންސް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވެސް "އަސްކަރީ އޮޕަރޭޝަން ކުރިއަށް ދާ ތަނުގައި ހާޒިރުވެ ހުންނެވި" ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "ވައްޓާލެވުނު ޑްރޯން ބިމުން ހޯދުމުގެ" މަސައްކަތް ޕޮލެންޑްގެ ޓެރިޓޯރިއަލް ޑިފެންސް ފޯސަސް އިން ގެންދަނީ ކުރަމުންނެވެ.
މިއީ 2022 ގައި ޔުކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ނޭޓޯ ޤައުމަކުން ރަޝިޔާގެ އަސްކަރީ އުޅަނދަކާ އެ ގައުމުގެ ވައިގެ ސަރަޙައްދުގައި ކުރިމަތިލާފައިވާ ފުރަތަމަ ފަހަރެވެ.