ޔުނިސެފްގެ މުހިންމު ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށްވުރެ ބަރުދަން އިތުރުވެފައިވާ ކުދިންނެވެ.
ޔުނިސެފް ގެ ހޯދުންތަކުން ބުނާ ގޮތުގައި 5 އަހަރާއި 19 އަހަރާ ދެމެދުގެ 10 ކުދިންގެ ތެރެއިން 1 ކުއްޖަކު - ގާތްގަނޑަކަށް 188 މިލިއަން ކުދިންނާއި ޒުވާނުން - މިހާރު ވަނީ ބަރުދަން އިތުރުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމުގެ ސަބަބަކީ އާންމު ކާނާގެ ބަދަލުގައި އަގުހެޔޮ އަދި ކެލަރީ މަތީ އަލްޓްރާ-ޕްރޮސެސްޑް ކާނާއަށް ބަރޯސާވުން އިތުރުވެފައިވާތީއެވެ. އދ.ގެ އޭޖެންސީ އެއް ކަމުގައިވާ ޔުނިސެފް އިން ސަރުކާރުތަކަށް ގޮވާލަނީ ކުޑަކުދިންގެ ކާނާ ނުބައި އިންގްރީޑިއަންޓްސްތަކުން ރައްކާތެރިކޮށް، އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސިނާއަތުން ސިޔާސަތުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށެވެ.
ޔުނިސެފް އިން ބުނަނީ ފަގީރު ގައުމުތަކުގައި ވެސް މިއީ މިހާރު ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުދިންގެ އުމުރާއި، ޖިންސާއި އަދި އިސްކޮޅަށް ބަލާއިރު ދުޅަހެޔޮ ބަރުދަނަށްވުރެ މާބޮޑަށް ބަރުވެފައިވާނަމަ އެކުދިން ބެލެވެނީ ބަރުދަން އިތުރުވެފައިވާ ކުދިންގެ ގޮތުގައެވެ. ބަރުދަން އިތުރުވުމުގެ ނުރައްކާތެރި ސިފައެއްގެ ގޮތުގައި ބެލެވޭ އޮބީސިޓީ އަކީ ޓައިޕް-2 ޑައިބެޓީސް، ހިތުގެ ބަލިތައް، އަދި ވަކި ބާވަތްތަކުގެ ކެންސަރުތަކާ ގުޅުންހުރި ސީރިއަސް މައްސަލައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކުޑަކުދިންގެ އުމުރުފުރާގައި މޭވާއާއި، ތަރުކާރީ އާއި އަދި ޕްރޮޓީން ހިމެނޭ ރަނގަޅު ކާނާއަކީ ހެދިބޮޑުވުމާއި، ސިކުނޑީގެ ތަރައްޤީ އާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް ގިނަ އާންމު ކާނާގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ހަކުރު، ލޮނު، އަދި އެޑިޓިވްސް ގިނަ އަލްޓްރާ-ޕްރޮސެސްޑް ކާނާ ކަމަށް ޔުނިސެފް އިން ބުނެއެވެ.
ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވާގޮތުގައި ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އެއީ ކުޑަކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އޭނާ ވިދާޅުވީ މިއީ "އިތުރުވަމުންދާ ކަންބޮޑުވުމެއް" ކަމަށާއި މިކަމުން ކުދިންގެ ސިއްހަތާއި ހެދިބޮޑުވުމަށް އަސަރު ކުރާނެ ކަމަށެވެ.
ނުރަނގަޅު ކާނާގެ ސަބަބުން ހަށިގަނޑު ހިކުމާއި ހެދިބޮޑުވުމަށް ހުރަސްއެޅުން ފަދަ ކަންކަން - މިއީ އަދިވެސް ގިނަ މެދުފަންތީގެ އަދި ދަށް އާމްދަނީގެ ގައުމުތަކުގައި 5 އަހަރުން ދަށުގެ ކުދިންގެ މެދުގައި ފާހަގަކުރެވޭ މައްސަލައެކެވެ. ނަމަވެސް 190 އަށްވުރެ ގިނަ ގައުމުތަކުގެ ތަފާސްހިސާބުތަކަށް ބިނާކޮށް ޔުނިސެފްއިން ހަދާފައިވާ އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި 5-19 އަހަރާ ދެމެދުގެ ބަރުދަން ލުއި ކުދިންގެ އަދަދު 2000 ވަނަ އަހަރުން ފެށިގެން 13 އިންސައްތަ އިން 9.2 އިންސައްތަ އަށް ދަށްވެފައިވެއެވެ. ނަމަވެސް ބަރުދަން އިތުރުވެފައިވާ މިންވަރު 3 އިންސައްތަ އިން 9.4 އިންސައްތަ އަށް އިތުރުވެފައި ވާއިރު، މިހާރު 10 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބަރުދަން އިތުރުވެފައިވާ ކުއްޖެކެވެ. ބަރުދަން އިތުރުވެފައިވާ ކުދިންގެ އަދަދު އިތުރުވެފައިވާ މިންވަރަށް ބަލާއިރު މިހާރު ސްކޫލް އުމުރުގެ 5 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބަރުދަން އިތުރުވެފައިވާ ކުއްޖެކެވެ. ދިރާސާ އިން ލަފާކުރާ ގޮތުގައި މިއީ މުޅި ދުނިޔެއަށް ބަލާއިރު ގާތްގަނޑަކަށް 391 މިލިއަން ކުދިންނެވެ. ސަބް-ސަހާރާ އެފްރިކާ އަދި ދެކުނު އޭޝިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ބަރުދަން އިތުރުވެފައިވާ ކުދިންގެ އަދަދު ބަރުދަން ލުއި ކުދިންގެ އަދަދަށްވުރެ މަތިވެފައިވެއެވެ.
ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އެންމެ މަތީ މިންވަރެއްގައި ބަރުދަން އިތުރުވެފައި ވަނީ ބައެއް ޕެސިފިކް ޖަޒީރާ ގައުމުތަކުގައެވެ. މީގެ ތެރޭގައި ނިއުއޭ (38%)، ކުކް އައިލެންޑްސް (37%)، އަދި ނައުރޫ (33%) ހިމެނެއެވެ. އޭގެ އިތުރުން ގިނަ މަތީ އާމްދަނީގެ ގައުމުތަކުގައި ވެސް ބަރުދަން އިތުރުވުމުގެ ސީރިއަސް މައްސަލަ ދިމާވެއެވެ. 5-19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، ޗިލީގައި 27%، އެމެރިކާގައި 21%، އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް ގައި 21% ކުދިންގެ ބަރުދަން އިތުރުވެފައިވެއެވެ.
ޔުނިސެފްގެ ކެތަރިން ރަސެލް ވިދާޅުވަނީ: "ކޮންމެ ކުއްޖެއްގެ ހެދިބޮޑުވުމާއި ތަރައްޤީ އަށް ބޭނުންވާ ރަނގަޅު އަދި އަގުހެޔޮ ކާނާ ލިބެން ހުންނަންވާނެއެވެ. އަޅުގަނޑުމެންނަށް އަވަސް ގޮތެއްގައި ބޭނުންވަނީ މައިންބަފައިންނާއި ބެލެނިވެރިންނަށް އެމީހުންގެ ކުދިންނަށް ރަނގަޅު އަދި ދުޅަހެޔޮ ކާނާ ލިބޭނެ ގޮތް ހަދައިދޭ ސިޔާސަތުތަކެކެވެ."
ޔުނިސެފް އިން އިންޒާރުދެނީ އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ ސިއްހަތަށް ކުރާނެ އަސަރާއި އިގްތިސާދީ ގެއްލުން ވަރަށް ބޮޑުވެދާނެ ކަމަށެވެ. ރިޕޯޓުން ލަފާކުރާގޮތުގައި 2035 ވަނަ އަހަރާ ހަމައަށް، ބަރުދަން އިތުރުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާނެ އަސަރު އަހަރަކު 4 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރު ވާނެއެވެ.
ރިޕޯޓުގައި ސަރުކާރުތަކަށް ގޮވާލަނީ ކާނާގެ ލޭބަލް ކުރުމާއި މާކެޓްކުރުމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ. މީގެ ތެރޭގައި ސްކޫލް ކެންޓީންތަކުން އަލްޓްރާ-ޕްރޮސެސްޑް ކާނާ ނައްތާލުމާއި، ނުރަނގަޅު ކާނާ އާއި ބުއިންތަކަށް ޓެކްސް ނެގުމާއި، އަދި ކާނާ އުފައްދާ ފަރާތްތަކަށް ނުބައި އިންގްރީޑިއަންޓްސް އާއި ގެއްލުން ހުރި މާއްދާތައް މަދުކުރުމަށް ބާރުއެޅުން ހިމެނެއެވެ. މީގެ އިތުރުން ރިޕޯޓުގައި ގޮވާލަނީ އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސިނާއަތުން ސިޔާސަތު އެކުލަވާލުމަށް ނުފޫޒު ފޯރުވުމުން ރައްކާތެރިވުމަށެވެ. އަލްޓްރާ-ޕްރޮސެސްޑް ކާނާ އާއި ބުއިން އުފައްދާ ފަރާތްތަކަށް ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގައި ބައިވެރިވުން މަނާކުރެވިދާނެ ކަމަށް ވެސް ޔުނިސެފް އިން ބުނެއެވެ.