ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިމެނޭހެން، ކަމާ ބެހޭ އިދާރާ ތަކުގައި ރަޖިސްޓްރީ ނުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާ ކުރުމަށް ނޭޕާލްގެ ސަރުކާރުން ނިންމައިފި އެވެ.
ނޭޕާލްގެ ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ގާތް ގަނޑަކަށް 30 މިލިއަން އާބާދީގެ މީހުން ދިރިއުޅޭ ނޭޕާލްގައި، 90 އިންސައްތަ މީހުން އިންޓަނެޓު ބޭނުން ކުރެ އެވެ. އެ ޤައުމުގައި ވަގު އައިޑީތައް ބޭނުން ކޮށްގެން ނަފުރަތު އުފެއްދުމާއި، އޮޅުވާލުންތައް ފެތުރުމާއި، ސައިބާ ކްރައިމްގެ އަމަލުތައް ހިންގއި، އިޖްތިމާއީ ހަމަ ޖެހުމަށް ބުރޫއަރާ ފަދަ އަމަލުތައް ހިންގަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީވެ، ލޯކަލް ކޮންޓެކްޓެއް ނުވަތަ ޝަކުވާއެއް ބަލައި ގަންނާނެ ފަރާތެއް އަދި ސެލްފް ރެގިއުލޭޝަން ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަށް ބުދަ ދުވަހުގެ ނިޔަލަށް ސޯޝަލް މީޑިއާ ކުންފުނި ތަކަށް ވަނީ މުއްދަތު ދީފަ އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލެއް ރޮައިޓާސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޓިކް ޓޮކް، ވައިބާ، ވީޓޯކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް، ފޭސްބުކް ފަދަ އެހެން ޕްލެޓްފޯމުތައް ރަޖިސްޓްރީ ނުކުރާ ކަމަށް ވެސް އޮފިޝަލު ވަނީ މައުލޫމާތު ދީފަ އެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަންސް އެންޑް އައިޓީ މިނިސްޓަރު ޕްރިތްވި ސުއްބާ ވިދާޅުވީ، މިނިސްޓްރީ އިން އެކަމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް ރަޖިސްޓްރީ ވުމަށް އެދުނު ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން އެކަމަށް އަހަންމިއްޔަތު ކަމެއް ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ނޭޕާލްގައި އެ ޕްލެޓްފޯމްތަކުގެ ޚިދުމަތް ހުއްޓާލަން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ އެކި ޤައުމު ތަކުން މިހާރު ސޯޝަލް މީޑިއާ އަދި ޓެކްނޮލޮޓީ ދާއިރާގެ ބޮޑެތި ކުންފުނި ތަކުގެ މައްޗަށް ޚަރުދަނާ ބެލެހެއްޓުންތައް ގެންގުޅެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން، ބްރެޒިލް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. މި ފިޔަވަޅުތައް އަޅަނީ އޮޅުވާކުންތަކާއި، ޑޭޓާ ރައްކާތެރި ކުރުމާއި، އޮންލައިންކޮށް ލިބޭ ގެއްލުންތައް އަދި ޤައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ނޭޕާލްގެ ޤާނޫނު ހަދާ މަޖިލީހުގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ، ނެޝަނަލް އިންޑިޕެންޑެންޓް ޕާޓީގެ ތަރުޖަމާނު ސަން މަނިޝް ޖާ ވިދާޅުވީ، ސޯޝަލް މީޑިއާ ޤާނޫނީ ގޮތުން މޮނިޓާކޮށް، ޤަވާއިދަށް ފެއްތުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، އެކަން އެއްކޮށް ބަންދު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.