ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ދާދި ފަހުން ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، އެ މެޗަށް ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް ވެސް އެކުލަވާލައިފަ އެވެ. ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުތައް އޮތީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހާއި، ނުވަ ވަނަ ދުވަހު އެވެ.
ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނެފައި ވަނީ، ލަންކާ މެޗަށް ތައްޔާރުވަމުން އަންނައިރު ސީޒަނެއް ނުކުޅެ އެހާ ގިނަ ދުވަސްވެފައި ވުމުން ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު، އަދި ކުޅުންތެރިންގެ ޙާލަތު ވެސް އެންމެނަށް އިނގޭނެ ކަމަށެވެ.
އެހެން ނަމަވެސް، މިހާރު ހުރިހާ ކުލަބަކުން ވެސް ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި، ޙާލަތު ދާނީ މަޑު މަޑުން ރަނގަޅު ވަމުން ކަމަށް މޯހަން ބުންޏެވެ. އެކަމަކު، އެކަމަށް ވެސް ދުވަހާއި، ވަގުތު ނަގާނެ ކަމަށް މޯހަން ވަނީ ފާހަގަ ކޮށްފަ އެވެ.
ލަންކާއާ ދެކޮޅަށް ނިކުންނައިރު، ރާއްޖޭގެ އުންމީދަކީ ހުރި ހުރިހާ ދައްޗަކާއި، އުނދަގޫތަކާ އެކު ވެސް ދެ މެޗުން މޮޅުވުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ. މިވަގުތު ޓީމު ތައްޔާރުވަމުން އަންނަނީ އެކަން ކުރުމުގެ މަޤުސަދުގަކަން ފާހަގަކޮށް މޯހަން ބުނެފައި ވަނީ، ތައްޔާރުވާން ލިބެނީ ވެސް ހަ ވަރަކަަށް ދުވަސް ކަމަށެވެ.
އެހެން ނަމަވެސް، ޓީމުގެ ކުޅުންތެރިންގެ އެއްބާރުލުމާއި، އެހީތެރިކަމާއި، މަސައްކަތާއެކީ އިރާދަކުރެއްވިއްޔާ ކާމިޔާބު ހޯދޭނެ ކަމަށް މޯހަން ބުންޏެވެ.
ރާއްޖެ އިން ސްރީ ލަންކާއާ ދެކޮޅަށް ރަޙުމަތްތެރި ކަމުގެ ދެ މެޗު ކުޅޭއިރު، އެއީ ލަންކާގައި ބާއްވަން ތާވަލު ކުރި މުބާރާތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކުޅޭ ދެ މެޗެވެ.
އެންމެ ފަހުން ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު މެޗަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވާއިރު، އެންމެ ފަހުން ޤައުމީ ޓީމުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
އޭގެ ތެރޭގައި ބަންގްލަދޭޝަން، އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުތައް ހިމެނެ އެވެ. އެންމެ ފަހުން ރާއްޖެ މޮޅުވެފައި ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ ފުރަތަމަ މެޗުންނެވެ.