ރާއްޖެޓީވީގެ ބޯކިބާ މުބާރަތް ބާއްވައިފިއެވެ.
މި މުބާރަތް ކުރިއަށް ދިޔައީ ރާއްޖެޓީވީގެ މުވައްޒަފުން މެދުގައެވެ.
މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ މަޝްހޫރު ކެއްކުންތެރިޔާ ޖުވެރިޔާ ވަޖުދީ އާއި އައިމިނަތު އާދަމް އެވެ.
މުބާރާތުގައި އެއްވަނަ ހޮވުނީ ނާޒްމީ ސައީދުގެ ބޯކިބާ އެވެ. އަދި ދެވަނަ އަށް އަހްމަދު މުހުސިންގެ ބޯކިބާ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވުނީ އައިޝަތު ޝާނީގެ ބޯކިބާ އެވެ.
ބޯކިބާތަކަށް ޖަޖުން މާރކްސް ދީފައިވަނީ ރަހައަށް 70 މާރކްސް އާއި ޑެކަރޭޝަން އަށް 20 މާރކްސް އަދި ހުށަހެޅުމަށް 10 މާރކްސް އެވެ.
ބޯކިބާ މުބާރާތުގައި މުވައްޒަފުންގެ ފަރާތުން 10 ބޯކިބާ ވަނީ ހުށަހަޅައިފައެވެ.
"އަޅުގަނޑު ބޯކިބާ އެޅިއިރުވެސް ހަމަ ހިތަށް އެރި އަޅުގަނޑުގެ ބޯކިބަލަށޭ އެއްވަނަ ލިބޭނީ. އަސްލު ވަރަށް ވަރަށް އުފާވޭ ނާޒްގެ ބޯކިބާ އެއްވަނަ އަށް ދިޔައީމަ" ނާޒްމީ ބުންޏެވެ.
މުހްސިން ބުނި ގޮތުގައި އޭނާގެ ބޯކިބާ އަށް އެއްވަނަ ނުލިބުނީ ޑެކަރޭޓްކުރަން ލިބުނު ވަގުތު މަދުވެގެން ކަމަށެވެ.
ބޯކިބާ މުބާރާތުގެ ތިން ވަނައަށް ދިޔަ ޝާނީ ބުނި ގޮތުގައި މުވައްޒަފުންގެ ބޯކިބާ މުބާރާތުގައި ބައިވެރިވީ އީދު ފާހަގަކުރުމުގެ ގޮތުންނެވެ. ތިން ވަނައަށް ދިޔަޔަސް ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވީ ރިޒްނާ ޒަރީރު ބުނީ މި މުބާރާތަކީ މުވައްޒަފުންގެ އެކިވެރިކަން އާލާކުރުމާއި ސަގާފަތް ދިރުވުމަށް ބޭއްވި މުބާރާތެއް ކަމަށެވެ.
"މުބާރާތް ވަރަށް ފުރިހަމަކޮށް ދިޔައީ. ކުރިއަށް އޮތްތަނުގައި މެނޭޖްމެންޓްގެ ވިސްނުން އެބަ ހުރި މުބާރާތް އިތުރަށް ފުޅާކުރަން،" ރިޒުނާ ބުންޏެވެ.