ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ، އެޓޯލް ޗެމްޕިއަންޝިޕް މިއަހަރުގެ އޮކްޓޫބަރު މަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެފްއޭއެމް އިން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެފްްއޭއެމް އިން އަލަށް އެކުލަވާލާ ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަން އަކަށް ބަހާލައި، އޭގެ ތެރޭގައި ހިމެނޭ އަތޮޅު ތަކަށް ނިސްބަތްވާ ތިން ރީޖަން ގައި މިއަހަރު ފެށުމަށް ނިންމާފައިވާ އެޓޯލް ޗެމްޕިއަންޝީޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ އިއުލާންގައި އެފްއޭއެމް އިން ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވާާން ބޭނުންވާ ރަށްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ފޯމު ފޮނުވަން ވާނީ އެފްއޭއެމްގެ މެއިލް އަށް ކަމަށް ވެސް އިއުލާން ގައި ބުނެފަ އެވެ.
އެ އިއުލާން ގައި އެފްއޭއެމް އިން ވަނީ އެޓޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ތާވަލު ކުރެވިފައިވާ ގޮތް ވެސް ހިއްސާ ކޮށްފަ އެވެ. ނަމަވެސް، މުބާރާތުގައި ޓީމުތައް ބައިވެރިވާ އަދަދަށް ބެލުމަށް ފަހު، ތާރީޚުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފްއޭއެމް އިން ބުނެފައިވެ އެވެ.
އެގޮތުން އަންނަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ ނޯތު ރީޖަންގެ މުބާރާތެވެ. އެ މުބާރާތް ކުރިއަށް ދާނީ ނޮވެމްވަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ރީޖަންގައި ހިމެނޭ އަތޮޅު ތަކަކީ، ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އެވެ.
އެއަށް ފަހު، ސެންޓްރަލް ރީޖަންގެ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ ނޮވެމްބަރު 15 އިން، ޑިސެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ރީޖަން ގައި ހިމެނޭ އަތޮޅު ތަކަކީ، ކ، އއ، އދ، ވ، މ، ފ، އަދި ދ އެވެ.
އަދި ސައުތު ރީޖަންގެ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން، 2026 ފެބްރުވަރޫ މަހުގެ 15 ގެ ނިޔަލަށެވެ. މި ރީޖަންގައި ހިމެނެނީ ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ.