އޮގަސްޓް 31, 1997 ވަނަ ދުވަހުގެ ރޭ ދުނިޔޭގެ އެތައް ބައެއްގެ ހިތްތަކަށް ކަޅު އަނދިރިކަމާއި ނާއުއްމީދާއި މާޔޫސްކަމާއި މޮޅިވެރިކަން ވެރިކުރުވީ އެތައް ބަޔެއްގެ ހިތް އަތުލައިގަތް ޕްރިންސެސް ޑަޔާނާ އެކްސިޑެންޓްވެ ސީރިއަސް އަނިޔާތަކާއެކު ހޮސްޕިޓަލަށް ގެންދެވިއްޖެ ކަމުގެ ޚަބަރު އަޑުއިވުމުންނެވެ.
އޭގެ ފަހުން ފާއިތުވި ވަގުތުތަކުގައި ދުނިޔޭގެ އެތައް ބަޔަކު ދިޔައީ އެކަމަނާއަށް އަވަސް ޝިފާއެއް ލިބުމަށް އެދި ދުއާ ކުރަމުންނެވެ. އެހެން ނަމަވެސް ތަގްދީރަކީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. މި ބީދައިން 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޕްރިންސެސް ޑަޔާނާ މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތެވެ.
1961 ވަނަ އަހަރު ދުނިޔެއަށް އުފަންވި ޑަޔާނާ ފްރާންސެސް ސްޕެންސާއަކީ، ޖޯން ސްޕެންސާ އަދި ފްރާންސެސް ރޯޗްއަށް ލިބުނު ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ހަނގު އަންހެން ދަރިކަނބަލުންނެވެ. ޑަޔާނާގެ އުމުރުން ހަތް އަހަރުގައި އޭނާގެ މަންމާފުޅާ ، ބައްޕާފުޅުގެ ކައިވެނި ރޫޅިގެން ދިޔުމާއެކު އެކަމަނާ އުޅެ ބޮޑުފުޅުވީ ބައްޕާފުޅުގެ އާއިލާއައެކުއެވެ.
ޑަޔާނާއަކީ އެކަމަނާގެ ޒުވާން ދައުރުގައި ވަރަށް މަޑުމައިތިރި އަދި އެހާމެ ލަދުވެތި ކަނބަލެކެވެ. މިއުޒިކަށް ލޯބި ކުރައްވައި ވަރަށް މޮޅަށް ޕިއާނޯ ކުޅުއްވި ބޭކަނބަލެކެވެ. އެކަމަނާއަކީ ފެތުމުގެ ހުނަރުވެސް އިންތިހާއަށް ލިބިވަޑައިގެންނެވި ބޭކަނބަލެކެވެ.
1977 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކަމަނާގެ އުމުރުން 16 އަހަރުގައި އެކަމަނާގެ މުސްތަގުބަލުގެ ފިރިކަލުން، ޕްރިންސް ޗާލްސްއާ ދިމާވެވަޑައިގަތެވެ. 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެކަމަނާ ޕްރިންސް ޗާލްސްއާ އެންގޭޖްވެ ވަޑައިގަތެވެ. މި އެންގޭޖްމެންޓާއެކު އެކަމަނާ ވެ ވަޑައިގަތީ ވަޒީފާއެއް އަދާކުރަށްވަމުން ޝާހީ އާއިލާގެ ބޭފުޅަކާއި އެންގޭޖްވެ ވަޑައިގަތް ހަމައެކަނި ބޭކަނބަލާއަށެވެ.
މި ދެކަބަލުން ކައިވެނި ބައްލަވައިވަޑައިގަތީ 1981 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ސެއިންޓް ޕައުލްސް ކެތީޑްރަލްގައި ބޭއްވުނު ހަފްލާއެއްގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން 750 މިލިއަން މީހުން ޓީވީ މެދުވެރިކޮށް މި ހަފްލާ ބެލިއިރު ލަންޑަންގެ މަގުތަކަށް ހަ ލައްކަ މީހުން ޖަމާވިއެވެ. މި ކައިވެންޏާއެކު ޑަޔާނާއަށް ޕްރިންސެސް އޮފް ވޭލްސްގެ ލަގަބު އެރުވިގެން ދިޔައެވެ.
ޕްރިންސެސް ޑަޔާނާއަކީ އެކަމަނާގެ ހަޔާތުގައި އިންސާނިއްޔަތަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަނބަލެކެވެ. ހިލޭސާބަހަށް، އަދި އެތަކެއް އަގުހުރި މަސައްކަތަތަކެއް ކުރިޔަށް ގެންދެވި، މީހުންގެ އިހްސާސްތަށް ދެނެވަޑައިގެންނެވި ބޭކަނބަލެކެވެ. އެތައް ބައެއްގެ އިހުތިރާމާ ލޯބި ލިބިވަޑައިގަތް ކަނބަލެކެވެ. ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް އާދައިގެ ސާދާ ދިރިއުޅުމަކަށް ޕްރިންސެސް ޑަޔާނާ ލޯބި ކުރެއްވިއެވެ.
އެކަމަނާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ލޭންޑްމައިން މަނާ ކުރުމަށް ބައިނަލްއަގްވާމީ ގޮތުން ހިންގެވި ކެމްޕޭންގެ އިތުރުން އެއިޑްސްއާ ލެޕްރަސީއަށް މީހުން ހޭލުންތެރިކުރުވުމަށް ހިންގެވި ކެމްޕޭންތައް ހިމެނެއެވެ. ހަމަ އެހެންމެ އެކަމަނާއަކީ 100 އަށްވުރެ ގިނަ ހިލޭސާބަހާ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ މެމްބަރެކެވެ. އެކަމަނާ ވަނީ މީގެތެރެއިން ބައެއް ޖަމިއްޔާތަކުގެ ރައީސްކަން ވެސް ކުރަށްވާފައެވެ.
ޑަޔަނާގެ މަގްބޫލްކަން މީހުންގެ ތެރޭގައި އިތުރުވެގެނެ ދިޔައީ އެކަމަނާގެ ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ސަބަބުންނެވެ. މީހުންގެ އިހްސާސްތައް ދެނެވަޑައިގަތުމުގެ ސަބަބުންނެވެ. ގެދޮރު ނެތް ފަގީރުންގެ ހާލު ބެއްލެވުމުންނެވެ. ބަލި މީހުންނާއި މަރުގެ ތަންމަތީގައި ތިބި މީހުންނާ ބައްދަލު ކުރައްވައި އެ މީހުންގެ ހިތްތަކުގެ ކެކުޅުމާ އުދާސް ދެނެވަޑައިގަތުމުންނެވެ. މިފަދަ އެތަކެއް ސަބަބުތަކާ ހުރެ އެކަމަނާއަށް "ޕީޕަލްސް ޕްރިންސެސް" ގެ ލަގަބު އެރުވުނެއެވެ.
ޑަޔާނާގެ ދިރިއުޅުން މިގޮތައް ބައްޓަން ކުރެއްވުން ވެގެންދިޔައީ އެކަމަނާގެ ކައިވެންޏަށް ހުރަސް އެޅެން މެދުވެރިވި ސަބަބަކަށެވެ. ޝާހީ އާއިލާގެ ކުރިމަތީގައި މިފަދަ އަމަލުތައް ވެގެން ދިޔައީ "ކަޓު" އަމަލުތަކަކަށެވެ. ތަފާތު އެކި މައްސަލަތަކާ ހުރެ ޑަޔާނާއާއި ޕްރިންސް ޗާލްސްގެ ކައިވެނި ރޫޅިގެން ދިޔައީ 1996 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.
އެކަމަނާގެ މި ކައިވެންޏަށް ދެ ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ 1982 ވަނަ އަހަރު އުފަންވި ޕްރިންސް ވިލިއަމްއާ 1984 ވަނަ އަހަރު އުފަންވި ޕްރިންސް ހެންރީއެވެ.
މި ކައިވެނި ރޫޅުމަށްފަހު އެކަމަނާ ލޯބީގެ ގޮތުން ގުޅިވަޑައިގަތީ މިސްރުގެ ބިލިއަނަރެއްގެ ދަރިއެއް ކަމަށްވާ ޑޮޑީ ފާޔެދްއާއެވެ.
1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ޕްރިންސެސް ޑަޔާނާ ޑޮޑީ އާއެކު ފްރާންސްގެ ޕެރިހަށް ވަޑައިގެންނެވިއެވެ. އެރޭގެ ވަގުތެއްގައި ޑޮޑީއާއެކު ކަޅު ކުލައިގެ މާސިޑީސް ކާރެއްގައި ދަތުރު ފެއްޓެވީ ހޮޓެލް ރިޒްއިން ޑޮޑީގެ އެޕާޓްމެންޓަށެވެ. ސީޓު ބެލްޓް ނާޅުއްވައި ތިއްބެވި ޑޮޑީއާއި ލޭޑީ ޑަޔާނާ ތިއްބެވީ ފަހަތު ސީޓުގައެވެ.
އެރޭގެ 12:33 ގައި "ޕޮންޓް ޑި އަލްމާ" ޓަނަލްއަށް ވަންނަނިކޮށް ކާރު ދުއްވަން އިން ޑްރައިވަރުގެ އަތުން ކޮންޓްރޯލް ގެއްލި ކާރު އެކްސިޑެންޓް ވިއެވެ. ޑަޔާނާ އިންނެވި ކާރު އެކްސިޑެންޓް ވިއިރު ދުއްވަމުން ދިޔައީ 105 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިއީ ސްޕީޑް ލިމިޓަށް ވުރެ މާ ބޮޑަށްވެސް މަތި ސްޕީޑެއް ކަމަށް ފުލުހުން ހާމަކުރިއެވެ.
މި ކާރު އެކްސިޑެންޓް ވާން މެދުވެރިވި ސަބަބެއް ކަމުގައި ފުލުހުން ނިންމާފަވަނީ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުގެ ހާލަތުގައި އިނދެ ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ގެއްލި އެކްސިޑެންޓް ވީކަމަށެވެ.
ޕްރިންސެސް ޑަޔާނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް މަރާ ކުރަމުން ދިޔަ ހަނގުރާމައިގައި އެކަމަނާ ނާކިޔާބު ވެވަޑައިގަން މި ފަނާވަނިވި ދުނިޔެއާ ވަކިވެ ވަޑައިގަތީ އެރޭގެ ފަތިހު ހަތަރެއް ޖެހިއިރުއެވެ. އެކަމަނާގެ ޖަނާޒާގައި ބައިވެރި ވުމަށް ލަންޑަންގެ މަގުތަކަށް 2.5 މިލިއަން މީހުން ނުކުތެވެ. އަދި ޓީވީ މެދުވެރިކޮށް 2.5 ބިލިއަން މީހުންނަށްވުރެ ގިނަ މީހުން މި މަންޒަރުތައް ބެލިއެވެ.
އެކަމަނާ ދާއިމީ ހަޔާތައް ނަގުލުވެ ވަޑައިގެންނެވިޔަސް ދުނިޔެ ދޫ ކުރައްވައި ވަޑައިގެންނެވީ އެތަކެއް ހަދިޔާތަކެއް ދެއްވުމަށްފަހުއެވެ. އެކަމަނާގެ ދީލަތިކަމާއި ހިތްހެޔޮކަމާއި ލޯތްބަށްޓަކައި ޝުކުރު ބަރުތީލަ ކުރަމެވެ. މީހުންގެ ހިތްތަކުގައި އެކަމަނާއަށް ދެވިފައިވާ ގަދަރު ދުވަހަކުވެސް ނެތިގެން ނުދާނެއެވެ. އެކަމަނާ މި ދުނޔެ ދޫކޮށް ދިޔަތާ 20 އަހަރު ވެފައިވާއިރު، ހަނދާތަކަށް ބަދަލެއް ނާދެ އެވެ.