އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން 29 އަށް 142 ބިދޭސީން ރަސްރަނި ބަގީޗާއަށް ވަދެފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީން ބުދަ ދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހަތަރު ދުވަސް ތެރޭގައި 10650 ރުފިޔާ ލިބިފައިވާ ކަމަށެވެ.
RasRani Bageecha ah dhivehin noon meehun ticket nagaigen ekasheegenvaa adhadhakah vadhey. Aug25-29 ah 142 meehun vadhe Rf 10650 libifaivey pic.twitter.com/ylJgf1FtMz
— housing.gov.mv (@HousingGovMv) August 30, 2017
ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މި މަހު 27 ވަނަ ދުވަހު ބައްދަލު ކުރައްވާ ޝުކުރު ދަންނަވާފައެވެ.
ސިފައިން ލައްވާ ނިމިދިޔަ ރޯދަމަހުގެ ފަހު ދިހައިގެ ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހުއްޓުމެއް ނެތި އެތަނުގެ މަސައްކަތް ކުރުވާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ސާރކް ސަމިޓަށް އައްޑޫ ކޮންވެންޝަން ސެންޓަރ ޤާއިމް ކުރުމުގައި ސިފައިން ބޭނުން ކުރުމުން ސިފައިންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތައް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެކެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމުތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.
މި ބަގީޗާ ހުޅުއްވައިދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރަސްރަނި ބަގީޗާއަކީ އެންމެ މުގައްދަސް އެއް ބިން ކަމަށެވެ.