ކްރިމިނަލް ކޯޓުގެ ޙުކުމަށް ފަހު ކަރެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލުވެއްޖެއެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އަހްމަދު ލުގްމާނު ވިދާޅުވީ ކޯޓުގެ ހުކުމާ އެއްގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގާސިމްއާ ހަވާލުވެފައިވާ ކަމަށެވެ. އަދި ހުކުމާ އެއްގޮތަށް ކަންކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި ނަމަވެސް ހުކުމުގައިވާ ގޮތަށް ބޭސްފަރުވާ އަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދެވޭނެ އިރެއް އަދި ނޭނގޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ މި ވަގުތު ޤާސިމް އޮންނެވީ ހޮސްޕިޓަލުގައި ކަމަށާއި ކަރެކްޝަނުން ޑޮކިއުމަންޓޭޝަންގެ މަސައްކަތްތައް ނިންމުމަށް ފަހު ޤާސިމްއާ ހަވާލުވެއްޖެ ކަމަށެވެ. އަދި ޤާސިމް ބޭރައަށް ގެންދިއުމުގެ ކަންތައްތައް ކަރެކްޝަންސްއާ ހަވާލުކުރުމުން އެ ކަންތައްތައް ވީ އެންމެ އަވަހަކަށް ކޮށްދޭނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ބަލި މީހަކު ހޮސްޕިޓަލުން ޖަލަށް ގެންދިއުމަކީ އިންސާނިއްޔަތާ ޙިލާފު ކަމެއް ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ކަރެކްޝަންނުން އެ ގޮތަށް ކަންތައް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު އިތުރަށް ވިދާޅުވީ ޤާސިމް ހޮސްޕިޓަލުން ޖަލަށް ގެންގޮސްފި ނަމަ ޖަލުގައި ބަލި މީހަކަށް ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުހުންނާނެ ކަމަށާއި ދިވެހި ސަރުކާރާއި ދަޢުލަތަށް އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ގޮވާލާ ކަމަށެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު ހުކުމް ކޮށްފައެވެ.