ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ހެޔޮގޮތުގައި ވެވޭ ޙައްޖު" އެވެ.
ޙައްޖަކީ ހެޔޮގޮތުގައި ވެވޭ ޙައްޖެއްކަމުގައި ހެދުމަށްޓަކައި، ޙައްޖަށް ދިއުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ވާ ކަމަށް ޚުތުބާގައި ވެއެވެ. އޭގެ ތެރޭގައި ކަންތައްތަކަކީ އިޙްލާސްތެރި ތަޢުބާއަކުން ތައުބާވުމާއި ޙައްޖުވުމުށްޓަކައި ކުރާ ޙަރަދުތަކާއި އާންމު ދިރިއުޅުމުގައި ކުރާ ޙަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިން ކުރާ ޙަރަދުތަކެއް ކަމުގައިވުން ހިމެނެއެވެ.
ތިމާކުރާ ކޮންމެ ޢަމަލަކީ ދެއްކުންތެރިކަމުން ޠާހިރުވެ، މާތްﷲ އަށްޓަކައި އިޚްލާސްތެރިކަމާއެކު ކުރާ ޢަމަލެއް ކަމުގައި ވުމަކީ ވެސް ވާޖިބު ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ބުނެފައި ވަނީ ޙައްޖު އަދާކުރުމަށް ކެރިކުޅަދާނަވެގެންވާ މީހާ އުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާ ވުމަކީ ވާޖިބު ކަމެއް ކަމުގައެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން ޙައްޖާއި ޢުމްރާ ކޮށްފި ނަމަ އެއީ ގަދަވެގެންވާ ސުންނަތެއް ކަމުގައެވެ.
ޙައްޖު އަދާކުރުމަށް ކެރިކުޅަދާނަ ވުމަކީ ސިއްޙީ ގޮތުން ކެރިކުޅަދާނަ ވުމާއި، ޚަރަދުކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި، މަގު އަމާންވުން ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.
ހެޔޮގޮތުގައި ޙައްޖުވެވުނު ކަމުގެ އަލާމާތަކީ ޙައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، މާތްﷲ މަނާކުރެއްވި ކަންތައްތަކުން ދުރުވުމާއި މާތްﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައިވުން ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ހެޔޮ އަމަލުތައް ކުރުން މަތީ ދެމި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުންނަން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ރަޙިމުގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ މީހަކަށްވުމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.