ގއ. ދާންދޫ ސިއްހީ މަރުކަޒުގެ އިސްވެރިއާ މުހައްމަދު އާސިފްގެ އާއިލާގެ ބައެއް މީހުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުނުކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް އޭނާ އެ ވަޒީފާއިން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މުހައްމަދު އާސިފް ހުންނެވީ އެ ރަށު ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސަރސްގެ މާޤާމުގައެވެ. އޭނާއަކީ އެ މަރުކަށު ހިންގެވުމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. އެއީ ސިޔާސީ މަގާމެކެވެ.
އާސިފް ވަޒީފާއިން ވަކިކޮށްފައި ވަނީ ސީދާ ރައީސް އޮފީހުގެ އެންގެވުމުގެ މަތިން އޯގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ އަށް ފޮނުވި ލިޔުމުގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އާސިފް ވިދާޅުވީ އޭނާއަކީ ފެށުނީއްސުރެން ޕީޕީއެމް ޕްރޮމޯޓްކުރަން މަސައްކަތްކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ. އަދި ދުވަހަކު ވެސް ޕާޓީ ބަދަލުކޮށްފައި ނުވާނެ ކަމަށް ވެސް އޭނާވަނީ ވިދާޅުވެފައެވެ. އޭނާއަކީ އެ ރަށުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި މިހާތަނާ ޖެހެންދެން ވެސް ވަރަށް އިސްކޮށް އުޅުއްވާ ފަރާތެކެވެ.
ވަޒީފާއިން ވަކިކުރި ސަބަބު ނޭނގޭ ކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ. އަދިރައީސް ޔާމީން އޭނާ ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި އުންމީދަކީ އަދިވެސް ރަގަޅު ގޮތް މެދުވެރިވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާސިފް ވިދާޅުވީ އޭނާއަކީ ވަޒީފާއަށް ފަރުވާތެރި މީހެއް ކަމަށާއި ވަޒީފާއިން ވަކިކުރި ސަބަބު ސަރުކާރުން ބުނެފައިނުވާ ކަމަށެވެ.
އާސިމް ވިދާޅުވީ އޭނާގެބައްޕަ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެކަން އޭނާ ގަބޫލުނުކުރާ ކަމަށެވެ. އަދި އޭނާއަކީ ޕާޓިއަށާއި ރައީސް ޔާމީނަށް ވަފާތެރި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.