އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޣައްޒާގެ ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ޕްލޭން އެޖެންޑާގައި ހިމެނޭނަމަ، ވޮޝިންގްޓަނަށް ވަޑައިގެން ވައިޓް ހައުސްގައި ބޭއްވޭ މަޝްވަރާތަކުގައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައް-ސީސީ، ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް މިޞްރުގެ ސެކިއުރިޓީގެ ދެ މަސްދަރަކުން ބުނެފި ކަމަށް އަލް-އަރަބިއްޔާ އިން ރިޕޯޓު ކޮށްފިއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ޓްރަމްޕާއި ސީސީ އާ ދެމެދު ކުރެވުނު ފޯނު ކޯލެއްގައި، އެމެރިކާގެ ރައީސް ވަނީ ސީސީ އަށް ވައިޓް ހައުސަށް ޒިޔާރަތްކުރެއްވުމަށް ހުޅުވާލެވިފައިވާ ދަޢުވަތެއް ދެއްވާފައިކަމަށް މިޞްރުގެ ރިޔާސީ ގަނޑުވަރުން ކުރިން ބުނެފައިވެއެވެ. އެމެރިކާގެ އޮފިޝަލަކު ބުނިގޮތުގައި މިފަދަ ޒިޔާރަތަކަށް އަދި އެއްވެސް ތާރީޚެއް ކަނޑައެޅިފައެއް ނުވެއެވެ.
ޓްރަމްޕް ވަނީ ޣައްޒާ ސްޓްރިޕްގެ 2 މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އެތަނުން ދާއިމީކޮށް ނެރެ، ޣައްޒާގެ ކޮންޓްރޯލް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަން "މެދުއިރުމަތީގެ ރިވިއެރާ" އަށް ބަދަލުކުރުމުގެ ޕްލޭނެއްގެ ވާހަކަފުޅު ދައްކަވާ ޢަރަބި ދުނިޔެ ރުޅިއަރުވާލާފައެވެ.
ޣައްޒާ އިން ބޭރުކުރެވޭ ފަލަސްޠީނު މީހުން ބަލައިގަތުމަށް މިޞްރާއި އުރުދުން އަށް އޭނާ ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.
އަންގާރަ ދުވަހު އުރުދުނުގެ ރަސްގެފާނު ޢަބްދުﷲ ވައިޓް ހައުސަށް ކުރެއްވި ޒިޔާރަތުގައި ޓްރަމްޕް ވަނީ މި ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާގެ އެންމެ ބޮޑު އަސްކަރީ އެހީ ލިބޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މިޞްރަކީ ޣައްޒާ ސްޓްރިޕް އާ ސަރަޙައްދީ ބޯޑަރު ހިއްސާކުރާ ޤައުމެކެވެ. ސީސީ އެތައް ފަހަރަކު ވިދާޅުވެފައި ވަނީ މިޞްރުން ދުވަހަކު ވެސް ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ބޯޑަރު ހުރަސްކޮށް އެ ގައުމަށް ބަދަލުކުރުމުގައި ބައިވެރި ނުވާނެ ކަމަށެވެ.