2024 ވަނަ އަހަރީ ދަރަންޏާއި ޑެފިސިޓްގެ ރެކޯޑް އަހަރެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިކޮނަމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަމުން އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުން ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރަކީ ދަރަންޏާއި ޑެފިސިޓްގެ ރެކޯޑް އަހަރެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ދަރަނި ނުނަގާނެކަމަށް މި ސަރުކާރުން ބުނި ނަމަވެސް ފެނިގެންދިޔައީ 2024 ވަނަ އަހަރު ޑެފިސިޓަކީ ރާއްޖޭގެ ތާރީހުގައިވެސް ޑެފިސިޓް އެންމެ ބޮޑު އަހަރުގެ ގޮތުގައި ކަމަށެވެ.
2024 ވަނަ އަހަރު 15.3 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އެބައޮތް. 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިނުވާފަދަ ބޮޑު އާލަމީ ވަބާއަކާއި އިގްތިސާދީ ކާރިސާއަކާއެކުވެސް އެމްޑީޕީ ސަރުކާރުން 2020 ވަނަ އަހަރު ނިންމާލީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން. 2024 ވަނަ އަހަރު ފެނިގެން ދިޔައީ 15.3 ބިލިއަން ރުފިޔާގެ ޑެފިސިޓެއް. 2020 ވަނަ އަހަރުގެ ޑެފިސިޓާއެކު އަޅުގަނޑުމެން އައީ ކޮންމެ އަހަރުވެސް ޑެފިސިޓް ކުޑަކުރަމުން. އެއީ މާލީ ސިޔާސަތަށް ގެނެވުނު ހެޔޮ ބަދަލުތަކާއެކު 2021، 2022 އަދި 2023 ވަނަ އަހަރުވެސް އައީ ޑެފިސިޓް ކުޑަކުރަމުން. އެގޮތުން އެންމެ ފަހު އަހަރުގެ ޑެފިސިޓަކީ 10.7 ބިލިއަން ރުފިޔާ.ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ހަރަދަކީ 53 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 53 ބިލިއަން ރުފިޔާގެ ތެރެއިން ދަރަނި އަދާކުރުމަށް ހަރަދުކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާ ކަމަށެވެ. އަމީރު ވިދާޅުވީ 2023 ވަނަ އަހަރު އެއިރު ދަރަނި ދެއްކުމަށް ހަރަދުކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާ ކަމަށެވެ.
2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތަކަށް 11.4 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި އެމްޑީޕީން ފެށި ޕްރޮޖެކްޓް ހުއްޓި އިގްތިސާދީ ހަރަކާތްތައް ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން އެ ޝަކުވާ ހުރިހާ ރަށްތަކުން ކުރާއިރުވެސް، ފެނިގެންދިޔައީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ބަޖެޓް ހަރަދުކޮށް ހުސްކޮށްލާފައިވާ މަންޒަރު ކަމަށެވެ.
ބަޖެޓަށް ބަލާއިރު ރިިކަރަންޓް ހަރަދު ބޮޑުވެފައި ތަރައްގީއަށް ކުރި ހަރަދުވީ ދަށް. 2024 ވަނަ އަހަރު ރިކަރަންޓް ހަރަދު 8 އިންސައްތަ މިވަނީ ބޮޑުވެފައި. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ. އެކަމަކު ތަރައްގީއަށް ކުރި ހަރަދު 1 އިންސައްތަ ވަނީ ދަށްވެފައި. ތަރައްގީގެ ގިނަ މަޝްރޫއުތަކަކީ އެމްޑީޕީ ސަރުކާރުން ފަށާފައި ފައިނޭންސް ހޯދާފައިވާ މަޝްރޫއުތައް. މުސާރައިގެ ހަރަދު 15 އިންސައްތަ ވަނީ ބޮޑުވެފައި. މިއީ ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް ބޮޑުވުން. ސިޔާސީ މުވައްޒަފުންގެ އަދަދު 3000ށް އަރާ. ހިންގުމުގެ ހަރަދު 3 އިންސައްތަ އިތުރުުވެފައިވޭ.ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
އަމީރު ވިދާޅުވީ ތަަރައްގީގެ ގޮތުން 2024 ވަނަ އަހަރަކީ ރާއްޖެއަށް ގެއްލިގެން ގޮސްފައިވާ އަހަރެއް ކަމަށެވެ. ކަނޑައެޅިފައިވާ ކަމަކަށްވުރެ އިތުރަށް ހަރަދުކުރުަކީ ގާނޫނުއަސާސީއާއި ހިލާފުވުން ކަމުގައި ބަންޑާރަނައިބާއި، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވީ ބަނދަރާއި، ބިން ހިއްކުމާއި މަގު ހެދުމަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އާސަންދަ އާއި ސަބްސިޑީ އަދި ދަތުރުފަތުރުގެ ހަރަދާއި ޓްރެއިނިންގ އަދި ހަރުމުދާ ހޯދުމަށް ކުރި ހަރަދުވެސް ފާސްކުރި ބަޖެޓަށްވުރެ އިތުރުކަމަށް އަމީރު ވިދާޅުވިއެވެ.