ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 38 ޕަސެންޓް ދަރަނި އިތުރު ކޮށްފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް އިހުމާލު ބޮޑު ބަޖެޓެއް ކަމަށާއި، އެ ބަޖެޓު ރިވައިސްކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
މި ބަޖެޓު މިހާރު އޮތް ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށާއި، އިގްތިސާދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދަށް އިތުރު ފަހި ކަމެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާ އަދި އެހެނިހެން ވިޔަފާރިތަކަށް ކުރިއެރުމެއް މި ބަޖެޓުން ނުލިބޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ދަރަނީގެ ވާހަކަތައް ދައްކަމުންދާއިރު، 2023 ވަނަ އަހަރުން ފެށިގެން ވެސް މިއަދާ ހަމައަށް މިސަރުކާރުން ވެސް ދަނީ ދަރަނި ނަގަމުން ކަމަށެވެ.
އެންމެން ވެސް މިދައްކަނީ ކުރީ ސަރުކާރުން ދަރަނިތައް ނެގި ވާހަކަ. 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދަރަނި ނަގަމުން މިދަނީ. އެންމެ ކުޑަ މިނުން މި ބަޖެޓުގައި ވެސް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދެ ބިލިއަން ރުފިޔާގެ ދަރަނި އިތުރުވަމުން މިދަނީ. މިފަހަރު ދައްކާ ދަރަނީގެ މައްޗަށް ވެސް މިއަހަރު ފައިސާ ހޯދާނެ ގޮތުގެ މައްޗަށް ބަޔާން ކޮށްފައި އޮތްއިރު މި ބަޖެޓުން ފާހަގަވޭ 2.9 ބިލިއަން ރުފިޔާގެ ދަރަނި އަނެއްކާ ނަގާ ކަމަށް. ސްކޫކުގެ ގޮތުގައި. ސްކޫކާއި ބޮންޑުގެ ގޮތުގައި 6 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މި ބަޖެޓުން ފެނޭ. އޭގެ މާނައަކީ އަނެއްކާ ވެސް އަޅުގަނޑުމެން އެބަ ދަރަނި އެބަ ހޯދައޭ.
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ ދަރަނި ދަނީ އިތުރުވަމުން ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލަ އެއް ކަމަށެވެ.
މިކަމުން މި ސަރުކާރުގެ އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާފައިނުވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރު އައިފަހުން މިހާތަނަށް ދަރަންޏަށް 38 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ ބަޖެޓު ހިސާބުގައި ދައުލަތުގެ ދަރަންޏަކީ 125 ބިލިއަން ކަމަށް ބަޔާން ކޮށްފައި އޮތީ. އެކަމަކު 2026 ވަނަ އަހަރާ މި ބަޖެޓާ ހަމައަށް ދައުލަތުގެ ދަރަނި 170 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބަޔާން ކޮށްފައި މިއޮތީ. އެހެންވީމަ އެއީ 38 ޕަސެންޓުގެ މިވެރިކަން އައި ފަހުން ދައުލަތުގެ ދަރަންޏަށް މިދިޔަ 3 އަހަރުގެ ތެރޭގައި 38 ޕަސެންޓު ދަރަނި އިތުރު ކޮށްފައި އޮތީ.
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ޒަރިޔަންދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދަރަނި ނަގާފައިވަނީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ހާލަތެއްގެ ސަބަބުން ކަމަށާއި، ނަމަވެސް މިސަރުކާރުން ދަރަނި ނަގަމުން ދަނީ އެފަދަ އެއްވެސް ހާލަތެއް ކުރިމަތިނުވެ ކަމަށެވެ. އިގްތިސާދު ރަނގަޅު ކުރުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކޮށް، ދަރަނި ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.