ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 19:36
އައްޑޫގެ މަގުމަތީގެ ފޮޓޯ އެއް
އައްޑޫގެ މަގުމަތީގެ ފޮޓޯ އެއް
އައްޑޫގެ ކަރަންޓުގެ މައްސަލަ
ޖެނެރޭޓަރަކަށް މައްސަލަ ދިމާވެ، އައްޑޫގެ ބޮޑުބައެއްގައި ކަރަންޓު ނެތްތާ އެއްގަޑި އިރު
ކަރަންޓު ނައިސް ގަޑި ދެ ގަޑި އިރު ހޭދަވާތީ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުން
ކަރަންޓު ކެނޑެން މެދުވެރިވީ ޖެނެރޭޓަރަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމަށް އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން އަންގާފައިވޭ

ޖެނެރޭޓަރަކަށް މައްސަލަ ދިމާވެ، އައްޑޫ ސިޓީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައިވާތާ ގަޑިއެއްހާއިރު ވެއްޖެއެވެ.

މާލެ ފިޔަވާ އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ އައްޑޫ ސިޓީން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުން ދާއިރު، ކަރަންޓު ނައިސް ގަޑި, ދެ ގަޑި އިރު ހޭދަވާތީ އައްޑޫގެ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އައްޑޫގެ މޭޔަރ އަލީ ނިޒާރު ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ ޖެނެރޭޓަރަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމަށް އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން އަންގާފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން އެތައް ތަކުލީފުތަކެއް އާއްމުންނަށް ދިމާވާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި މެދު ސީރިއަސްކަމެއް ދީގެން މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ އަށް ކަރަންޓު ދިނުމަށް ބޭނުންވާ ކެޕޭސިޓީ މިހާރު ފެނަކައިގައި ހުރި ޖެނެރޭޓަރތަކުގައި ނެތްކަމަށް ނިޒާރު ވަނީވިދާޅުވެފައެވެ. މީގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އެކު ކެނޑިނޭޅި ވާހަަކަ ދެއްކި ނަމަވެސް އެ ކަމަށް ކުރިއެރުމެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އައްޑޫގެ ކަރަންޓު ކެނޑުމުގެ މައްސަލަ ރޯދަ މަހުގެ ކުރިން ހައްލުކޮށްދެއްވާނެ ކަަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަާށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނުދެވި މެނޭޖްކުރުމަށް އެކި ސަރަހައްދުތަކުން ދެ ގަޑި އެއްްހާ އިރަށް ކަރަންޓު ކަނޑަމުންދާތާ ދޮޅު މަސް ދުވަސް ވަނީ ވެފައެވެ.

- ކޮމެންޓް