ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީއާ ވާހަކަ ދައްކާފައިވާ ކަމަށާއި، ނަމަވެސް އެއް ދުވަހުން ޙާލަތު ބަދަލު ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފްލިކް އެކުލަވާލި ސްކޮޑުން ވެސް ފާޓީ އަށް ފުރުސަތު ނުލިބެ އެވެ. އޭގެ ކުރިން ކޮޕާ ޑެލް ރޭ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ވެސް ފާާޓީ ނުހިމަނަ އެވެ. އެއާއެކު ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ސްކޮޑުގައި ވެސް ފާޓީ ނުހިމަނަ އެވެ. އޭގެ ކުރިން ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ފާޓީ ހިމެނި ނަމަވެސް، މެޗުގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ނުދެ އެވެ.
އެކަމާ ގުޅޭ ގޮތުން ސެވިއްޔާ މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ވަރަށް ފަހުން ވެސް އޭނާ ފާޓީއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް އިތުރަށް ފްލިކް ބުނީ، ޓީމުގެ ކޯޗާ ވާހަކަ ދައްކާ ދުވަސް ނޫން، ޖެހިގެން އަންނަ ދުވަހު އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށެވެ. އަދި އެކަން އޮންނަނީ އެގޮތަށް ނޫން ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.
އިތުރަށް އޭނާ ބުނީ މިވަގުތު ފާޓީ އަންނަނީ ރަނގަޅު މިސްރާބުގައި ކުރިއަށް ދަމުން ކަމަށެވެ. ޚާއްސަކޮށް ފާޓީގެ އެންމެ މޮޅު ފެންވަރުގައި އޭނާ ހުންނަ އެތައް ވަަގުތެއް މިހާތަނަށް އައިއިރު އޭނާ އަށް ފެނިފައިވާ ކަމަށް ވެސް ފްލިކް ބުންޏެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ، މަސައްކަތް ކުރަމުން އަންނަނީ އަނެއްކާ ވެސް އެ ފެންވަރަށް ދިޔުމަށް ކަމަށާއި، އެ ފެންވަރަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މީގެ އިތުރުން ޓީމަށް ބަދަލުތަކެއް އައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ޓީމަށް ބަދަލުތަކެއް ގެނެސް، ކަންކަން ރަނގަޅު ކުރަން ޖެހޭކަން މިއަހަރު ފެށުނީއްސުރެ އިނގޭ ކަމަށެވެ. ޚާއްސަކޮށް ވާދަވެރި މާހައުލެއްގައި ކުރިއަށްދާއިރު، ޓީމަށް ބަދަލުތަކެއް ގެނެސް، ކުރިއަށް ދެވޭނެ މަގުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
ބާސެލޯނާ އިން 2019 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ފާޓީ ވަނީ، މި ސީޒަންގެ މިހާތަނަށް އަށް މެޗުގައި ބާސެލޯނާ އަށް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ސްޕެނިޝް ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ. މި ސީޒަންގައި ފާޓީ އަށް އެންމެ އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ، އޭނާ ކަންބޮޑުވާ ކަމަށް މީޑިއާ ތަކުގައި މީގެ ކުރިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.