ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދޭން ހަމަޖެއްސުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެ ބިލުގައި ހިމަނާފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ އެންމެންނަށް ވެސް ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000ރ. ދިނުމަށެވެ.
މި ބިލުގައި ލާމަރުކަޒީ ޤާނޫނަށް އިތުރު ބައެއް އިސްލާހުތައް ވެސް ވަނީ ހިމަނާފައެވެ. ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވީ މި އިސްލާހުގެ މަގްސަދަކީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށްދިނުން ކަމަށެވެ. އަދި ޤާނޫނުގައި އެ ކޮމިޓީގެ މަސައްކަތްތަކާއި އުސޫލުތައް ސާފުކޮށް ބަޔާންކޮށްދިނުމާއި، ކޮމިޓީތަކުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް ބިލުގެ މަގްސަދެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާތަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގަ ދިމާވާ ދަތިތައް ހައްލުކުރުމަށް، އެ ފައިސާ ދޫކުރާނެ ގޮތާއި، އެ ފައިސާ ކޮމިޓީތަކުން ބޭނުން ކުރާނެ އުސޫލެއް އެކުލަވާލުމަކީ ވެސް އެ ބިލުގެ މަޤްސަދެއް ކަަމަށް އެބިލް ގައިވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބިލުގެ ސަބަބުން ލާމަރުކަޒީ ޤާނޫޏު ތަންފީޒުކުރުމުގަ ދިމާވަ ބައެއް ދަތިތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.