ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 15:01
ކުޑަ ކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ހަމަނުޖެހުން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ކުޑަ ކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ހަމަނުޖެހުން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ސޯޝަލް މީޑިއާ
ކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ހަމަނުޖެހުން
ކުޑަ ކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ހަމަނުޖެހުން: މައްސަލަ ތަހުގީގު ކުރަނީ
އެކުއްޖާ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވޭ
ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދޭ
ކުއްޖާއަށް ފުލުހުންގެ އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރޭ

ރ.މީދޫގައި ކުޑަކުއްޖެއް ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރިވެ، އޮފިސަރަށް ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ކުޑަ ކުއްޖެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، މިހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ހުރި ފިރިހެން ފުލުހެއް ކުއްޖެއްގެ އަތުގައި ހިފައިގެން ގަދަކަމުން ގެންދާ މަންޒަރު ފެނެއެވެ. މަގުގެ ވަކި ހިސާބަކުން އެކުއްޖާ ފުލުހުންގެ މީހާގެ އަތަށް ހިފާ ދަމައިގަނެ، މަގުމައްޗަށް ވައްޓާލައެވެ. ވެއްޓުމާއެކު ހެން ފުލުހުންގެ މީހާ ތެދުވެ، ކުއްޖާ މަގުމައްޗަށް ވައްޓާލާ ހިފަހައްޓައެވެ. އަދި މަގުގެ ކަންމަތީގައި ހަދާފައި ހުރި، ކޮފީ ޝޮޕެއް ކަހަލަ ތަނެއްގެ ކައިރީގައި ބަޔަކު އިށީގެންދެން މަންޒަރު ބަލަން ތިބެއެވެ. އަދި ވީޑީއޯ ނިމޭއިރު، އެ ސަރަހައްދަށް އިތުރު ދެ މީހަކު ގޮސް މަޑުކުރާ މަންޒަރު ވެސް ފެނެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ ރ.މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދި ބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެހެންކަމުން ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ފުލުހުންގެ އޮފިސަރަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުހުގީގު ކުރަމުންދާއިރު، ކުއްޖާއަށް ފުލުހުންގެ އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެމައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ޚާއްސަ އުސޫލެއްގެ ތެރެއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރަން ޖެހެއެވެ.

- ކޮމެންޓް