ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން މަސައްކަތް ކުރަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނާ އިދިކޮޅަށް ކަމަށާއި، ގައުމުން ފެންނަނީ އެ މަންޒަރު ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ އަބަދުވެސް ވާހަކަ ދައްކަމުން ދަނީ ރައްޔިތުންގެ ހައްގުގައި، މިނިވަންކަމާއެކު ކަމަށެވެ. ސަރުކާރުގެ ތެރެއިން ވަކި ކަމެއް ހާސިލްކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، ގައުމުގައި ހިނގާ ކަންކަން ހަގީގަތާއި އެއްގޮތަށް ހާމަކުރާނެ ކަމަށެވެ.
ރައީސް މުއިއްޒާއެކު މިއަދު އެއްވެސް ބޭފުޅަކު ނެތްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ 2024 ވަނަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ހިމަނާފައިވާ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ދިމާ އިދިކޮޅަށް ކަމަށާއި، ގައުމުން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ނުލިބި، ރައީސް މުއިއްޒުގެ ވައުދުފުޅުތައް ނުފުއްދެނީ ސަރުކާރުގެ އެއްވެސް ބޭފުޅަކު އެމަނިކުފާނާއެކު ނެތުމުން ކަމަށެވެ. އަދި މިއަދު ރައީސް މުއިއްޒާއެކު ސަރުކާރު ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޒިޔާދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ރައީސް މުއިއްޒު ހަމަ މަގަށް އެޅުވުމަށް ކަމަށާއި، އެމަނިކުފާނުއާއެކު ކުރިއަށްދާން ތިބީ ވެސް އެމްޑީޕީން ކަމަށެވެ.
ފެށުނީއްސުރެ ރައީސުލްޖުމްހޫރިއްޔާއަށް މިދަންނަވަނީ އަބަދުވެސް ރައީސުލްޖުމްހޫރިއްޔާއޭ. ރައީސް މުއިއްޒަށް އަޅުގަނޑު އަބަދުވެސް. އެންމެ ފުރަތަމަ ވެސް މި ޕޯޑިއަމްއަށް ހުއްޓުނު ދުވަހު ވެސް އަޅުގަނޑު ދެންނެވީ ރައީސްއޭ. ރައީސްއާއެކު ނެތޭ އެކަކު ވެސް. އަޅުގަނޑުމެންނޭ މިތިބީ ރައީސް ހެޔޮ މަގަށް އަޅުވަން. ނެތްކަން މިއަދު ރައީސްއަށް އެނގިވަޑައިގަންނަވާނެ. ނެތީމަތާ މިދިޔަ 2024 ގެ ރިޔާސީ ބަޔާން އަޑު އައްސަވާ ތިބޭފުޅުން ވެސް އަޑު އައްސަވާފައި ސަރުކާރެއްގައި ސީދާ އެއާ އިދިކޮޅަށް މަސައްކަތް ކުރާށޭ ރައީސުލްޖުމްހޫރިއްޔާ އަންގަވާފިއްޔާ ހަމަޔަގީން މިހާ ފުރިހަމައަށް ނުކުރެވޭނެ. އެހާ ފުރިހަމައަށް ސީދާ އެބަޔާނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކޮށްފައި ހުރީ. ސަރުކާރު އޮތީ ރައީސުލްޖުމްހޫރިއްޔާއެކު ނޫން. އެހެންވީމަ ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް މިހާރު އަޅުގަނޑުމެންނަށް ނުދެވިގެން މިއުޅެނީ.ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު![]()
މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަންވީ އިތުރަށް ވައުދުނުވެ، މީގެ ކުރިން ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަން ކަމަށެވެ. މިސަރުކާރުގެ މިހާތަނަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، އިތުރަށް ރައްޔިތުން ކައިރީގައި ދޮގުނުހެއްދެވުމަށް މެންބަރު ޒިޔާދު ގޮވާލެއްވިއެވެ.
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒަށް އެމަނިކުފާނާއި އެންމެ އަރިހުގައި އުޅުއްވި ސިޔާސީ ބޭފުޅުންނަށް އަނިޔާވެރި ވެވުނަސް ރާއްޖޭގެ އާއްމު ރައްޔިތުންނަށް އަނިޔާވެރިވުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ ކަމަށެވެ. މިކުރާ މަސައްކަތް ނިންމާލާނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ރައްޔިތު މީހާއަށް އެބުނާ ބޭސް ފާސޭހައިން ލިބޭނެ ގޮތެއް ހޯދައިދީ އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި ހަމަޖެހިގެން ދިރިއުޅެވޭނެ ދުވަހެއް އައުމުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.
މިއީ ރައީސް މުއިއްޒާއި ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް، ޖީބަށް ލުއިކުރުމަށް ކުރާ މަސައްކަތެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.