އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ލެސްޓަރ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުން ޔުނައިޓެޑު މޮޅުވީ އެންމެ ފަހު ވަގުތުގައި ޖެހި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ލެސްޓަރ އަށް ކުރި ހޯދައިދިނީ ބޮބީ ޑީކޯޑޯވާ ރީޑު ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯޝުއާ ޒާކްޒީ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔުނައިޓެޑު މޮޅުވީ ހެރީ މެގުއާ ޖެހި ލަނޑުންނެވެ. އެއީ ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެ ލަނޑު ޖެހި ވަގުތު މެގުއާ ހުރީ އޮފްސައިޑުގައި ކަމަށް ބުނެ، ލެސްޓަރ އިން އެކަމުގެ ޝަކުވާ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ލައިސްމަން އޮފްސައިޑު ކަމަށް ދިދަ ނުނަގާތީ، ރެފްރީ ވަނީ އެ ލަނޑު ބަލައިގެންފަ އެވެ.
ލެސްޓަރ އަތުން މޮޅުވެ ޔުނައިޓެޑުން އަނެއް ބުރުގެ ޖާގަ ހޯދިއިރު، މި ދަނޑިވަޅަކީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެކެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމުގައި މީޑިއާ ތަކުން ވަނީ އެކި ފަހަރު މަތިން ރިޕޯޓުކޮށްފަ އެވެ.