ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 23:16
މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް
މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް
ޖަމާލުއްދީން ސްކޫލުގެ ބަޔާން
"ޖަމާލުއްދީން ސްކޫލުގެ ބަޔާނާއި އެކު ސިޔާސީ ދާއިރާ އަށް އަންހެނުން ނުކުންނަން އިތުރު ގޮންޖެހުންތަކެއް އުފައްދައިފި"
ޖަމާލުއްދީން ސްކޫލްގެ މި އަމަލުގެ ސަބަބުން އަންހެނުން ސިޔާސީ ދާއިރާ އަށް ނުކުތުމަށް ޖެހިލުންވާ އިތުރު ސަބަބެއް އުފައްދާފައިވާ ކަމަށް އެމްޑީޕީން ބުނޭ
އެމްޑީޕީން ބުނީ މިއީ މީކާއިލް އަށް ދިން ސިޔާސީ ހަމަލާއެއް ކަމަށް

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ޖަމާލުއްދީން ސްކޫލު (ޖޭއެސް) އާންމުކުރި ޕޯސްޓް ޑިލީޓްކުރުމަށް ފަހު ޖަމާލުއްދީން ސްކޫލުން އަމަލުކުރި ގޮތުން ސިޔާސީ ދާއިރާ އަށް އަންހެނުން ނުކުންނަން އިތުރު ގޮންޖެހުންތަކެއް އުފައްދާފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.

ޖޭއެސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިވައިގެން އެ ސްކޫލުން ތައުލީމު ހާސިލުކޮށް، ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ ވަނަވަރުތައް އެ ސްކޫލުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ހާމަކުރި ވަނަވަރުތަކުގެ ތެރޭގައި މީކާއިލްގެ ވަނަވަރުވެސް ހިމެނެއެވެ. ނަމަވެސް ސްކޫލުން ފަހުން ވަނީ އެ ޕޯސްޓް މީސްމީޑިއާއިން އުނިކޮށްފައެވެ.

އެކަމާ ގުޅިގެން މީކާއިލް ވަނީ ޖޭއެސް އިން އެ ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ނުފޫޒުގެ ސަބަބުން ކަަމަށް ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ޖޭއެސްއިން ފަހުން ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ވަނަވަރު އުނިކުރީ މީކާއީލުގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ޖޭއެސްގެ އެ ބަޔާނަކީ ސިޔާސީ އޮއެވަރުގައި ޖެހިގެން ނެރުނު ބަޔާނެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި ތައުރީފް ހައްގު ޖަމާލުއްދީން ސްކޫލްގެ ދަރިވަރަކަށް ޖަމާލުއްދީން ސްކޫލްގެ އެ ބަޔާނާއި އެކު ދީފައި ވަނީ ސިޔާސީ ހަމަލާ އެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ނުކުމެ ވަކާލާތުކުރުމަކީ ތިމާ ކިޔެވި ސްކޫލުން ވެސް ތިމާ ބަލައި ނުގަންނާނެ ކަމަކަށް ވުމުގެ ބިރު ޖަމާލުއްދީން ސްކޫލްގެ އަމަލުގެ ސަބަބުން އަށަގަތުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ބުނެފައެވެ. މިހާރު ވެސް ފުރައްސާރަ އާއި އުނދަނގޫތަކުގެ ސަބަބުން ސިޔާސީ ދާއިރާ އަށް ނުނިކުންނަ ކަނބަލުންނަށް މިފަދަ ބަޔާނެއް ނެރުމުން އިތުރު ގޮންޖެހުންތަކާއި ދިމާވާ ކަަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޖަމާލުއްދީން ސްކޫލްގެ މި އަމަލުގެ ސަބަބުން އަންހެނުން ސިޔާސީ ދާއިރާ އަށް ނުކުތުމަށް ޖެހިލުންވާ އިތުރު ސަބަބެއް އުފައްދާފައިވާ ކަމަށް ފާހަގަކޮށް އެކަމާއި މެދު އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

- ކޮމެންޓް