ސަރުކާރުގެ އިހުމާލުން ގއ. ވިލިނގިލި، ޒަމާނީވިލާ ފާތިމަތު ޝިއުނާއާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެެދި މަޖިލީހުގެ ދެ ކޮމިޓީ އަކަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުން މައްސަލަ ހުށަހެޅުމަށް ފޮނުވި ސިޓީ މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.
އެ ސިޓީގައި ބުނެފައި ވަނީ 6 ފެބްރުއަރީގައި ގއ.ވިލިނގިލި ޒަމާނީވިލާ ފާތިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގައި އޭނާގެ ފިރިމީހާ ނޫސްތަކާއި މީޑިއާތަކަށް ދީފައިވާ މައުލޫމާތުން މި މައްސަލައިގައި ސަރުކާރުގެ މުއައްސަސާތަކުގެ އިހުމާލު އޮތް މިންވަރު ހާމަވާ ކަމަށެވެ. މި ހާދިސާގައި ކަންކަން ހިނގާފަވާ ގޮތަށް ބަލާ އިރު މިކަމުގައި ގއ.އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑުކަމަށް ބެލެވޭ ކަމަށް ވެސް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ބުނެފައެވެ. އެގޮތުން ބަލިމީހާ ބަލާ ދިޔަ އެއަރ އެމްބިއުލާންސްގައި ފަރުވާދޭން ބޭނުންވާ ސިއްހީ އާލަތްތައް ނެތުމާއި، ޑޮކްޓަރުންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަން ލިބިފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
މާބަނޑު އަންހެނަކަށް ދިމާވި މި ހިތާމަވެރި ހާދިސާ އަކީ މިފަދަ ކުރިއަރާފައިވާ ޒަމާނެއްގައި ހިނގައިގެން ނުވާނެ ކަމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. މި ހާދިސާއަކީ ފަރުވާތެރިކަމާއި އެކު ހޮސްޕިޓަލުން މަސައްކަތް ނުކުރުމާއި ސީއެމްބިއުލާންސްގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ނުލިބުމުން ދިމާވި ކަމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބަލައިދިނުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. މި މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯދާ ޒިންމާދާރުކުރުވަން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު އިތުރު ބަޔާނެއްގައި މި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތާއި މެދު ކަންބޮޑުވުން ހިއްސާކޮށް އެކަން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު ސިއްހީ ދާއިރާގެ ކަންކަން ދުވަހުން ދުވަހަށް ދަށަށް ދާ ކަމަށާއި މިފަދަ މައްސަލަތައް ތަކުރާރުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން ސިއްހީ ދާއިރާ އިސްލާހުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.